ދެހާސް ތޭރަ ވަނަ އަހަރުގެ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅުނު ހުރިހާ މައްސަލައެއް މިހާރު ނިންމާފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިހެން ބުނެފައިވަނީ އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް އަވަސް ކުރުމަށް މަަސައްކަތް ކުރަމުން އަންނަ ކަަމަށް ބުނެ މިއަދު ކުރި ޓުވީޓެއްގައެވެ.
މީގެ އެތައް އަހަރެއް ކުރިން، ކުރިމިނަލް ކޯޓު ހިމެނޭ ގޮތަށް ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން އެކަމަށް ހައްލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުންނާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ވެސް ގެންދަވަނީ މަސައްކަތްތައް ކުރައްވަމުންނެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސްކުރުމަށް އެކޯޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގިނަ ދުވަސް ވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުން 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތައް މިހާރު ނިންމާފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.
ޖިނާއި އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ "މެދު ނުކެނޑި ޝަރީއަތްކޮށް ނިންމުން" ނުވަތަ ކޮންޓިނުއަސް ހިއަރިންގެ މަފްހޫމުގެ ދަށުން މައްސަލަތައް އިތުރަށް އަވަސްކޮށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން މީގެ ކުރިން ވަނީ ނިންމައިފައެވެ.
އެގޮތުން ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ހެކިން ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭނަމަ ޝަރީއަތުގެ އެއް އަޑުއެހުން ބާއްވައި ހެކިބަސް ނަގައި ހުލާސާ ބަޔާން އިއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މީގެ ކުރިން އެކޯޓުން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް