ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު މަޝްހޫރު ވިޔަފާރިވެރިޔާ އަބުދުﷲ ޖާބިރަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައި ވަނީ މަޖިލިސް މެންބަރުކަމުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބިވަޑައިގެންފައިވާ 765،776.36 ރުފިޔާ އެކަނި ކަމަށް ބުނެފިއެވެ.

އެގޮތަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޖާބިރު މާލީ ބަޔާނުގައެވެ.

ހުސްވި އޯގަސްޓް މަހުގެ 31 އަށް މަޖިލިސް މެންބަރުންގެ މާލީ ބަޔާން މަޖިލީހަށް ހުށަހަޅުއްވަން ޖެހޭއިރު ޖާބިރުގެ މާލީ ބަޔާން ހުށަހެޅުއްވީ އެ މުއްދަތު ފަހަނައަޅައި ދިއުމުން މަޖިލިސް ގަވާއިދުގައި ބުނެފައިވާގޮތުގެ މަތިން ބަޔާން ހުށަހެޅުމަށް އިތުރަށް ދީފައިވާ 15 ދުވަސް ހަމަވާން އޮތް އެންމެ ފަހު ދުވަހުއެވެ.

ޖާބިރުގެ މާލީ ބަޔާނުގައިވާގޮތުން މަޖިލިސް މެންބަރެއްގެ އިތުރުން ޖާބިރުގެ ބައެއް އަމިއްލަ ވިޔަފާރިވެސް ހިމެނެއެވެ.

އެގޮތުން ޔޮޓް ޓުއާސްގެ ޗެއާމަންގެ މަގާމާއި އެޓޯލް ޑައިވިން ޓުއާސް އާއި ޖޭ ހޮޓެލްސް އެންޑް ރިސޯޓްސް އާއި މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކީ ޖާބިރެވެ.

މީގެ އިތުރުން ފިޝަރ މޯލްޑިވްސް އާއި ބޮޑު މޮހޮރާ އިންވެސްޓްމެންޓާއި ޖޭ ހެލްތުކެއާ އާއި ޖޭ ލެގޫން އާއި ރިޗް ކްލަބް މޯލްޑިވްސް އާއި ވައިޓީއެމް ޓްރާންސްޕޯޓް ސާވިސް އާއި ވައިޓީއެމް ޓްރަވަލްސް އާއި ވައިޓީއެމް ފޮރިން އެންޑް ލޮޖިސްޓިކްގެ ޑިރެކްޓަރުގެ ތޮގައިވެސް ޖާބިރު ހިމެނިވަޑައިގަންނަވައެވެ.

ޖާބިރުގެ މިލްކިއްޔާތުގައި 20 މިލިޔަން ރުފިޔާގެ ހ. ތިމާވެއްޓާއި، ކ. ކާށިދޫގައި 3.5 މިލިޔަން ރުފިޔާގެ "ޖާބިރުގެ" ހިމެނޭއިރު ރާއްޖޭން ބޭރުގައި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައިދުއާއެކު ދެބޭފުޅުންގެ ނަމުގައި ގެއެއްހުރިކަން ބަޔާނުގައި ހިމަނާފައި ވެއެވެ.

ވެހިކަލްގެ ގޮތުގައި 250،000 ރުފިޔާގެ ބީއެމްޑަބްލިއު ތިން ކާރަކާއި 300،000 ރުފިޔާގެ ބީއެމްޑަބްލިއު ޖީޕަކާއި، 50،000 ރުފިޔާގެ ދެ ސައިކަލާއި 60،000 ރުފިޔާގެ ސައިކަލެއް ހިމެނެއެވެ.

ބީއެމްއެލްގައި ޖާބިރުގެ ތިން އެކައުންޓް އޮތްއިރު އެސްބީއައިގައި ދެ އެކައުންޓް އަދި ހަބީބު ބޭންކުގައި ދެ އެކައުންޓް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

ބީއެމްއެލްގެ ތިން އެކައުންޓްގެ ތެރެއިން އެއް އެކައުންޓްގައި 33،820.22 ރުފިޔާ، އަނެއް އެކައުންޓްގައި 69.22 ރުފިޔާ އަދި އަނެއް އެކައުންޓްގައި 49.84 ޑޮލަރު ހިމެނޭ ކަމަށާއި އެސްބީއައިގެ އެއް އެކައުންޓްގައި 59.81 ޑޮލަރާއި، އަނެއް އެކައުންޓްގައި 635.60 ރުފިޔާ ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

ހަބީބު ބެންކުގެ ދެ އެކައުންޓުން ކުރެ އެއްވެސް އެކައުންޓެއްގައި ފައިސާއެއް ނެތް ކަމަށްވެސް ބަޔާނުގައި ހިމަނާފައި ވެއެވެ.