ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކަޝްޔަފް ގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު އެޗްޓްރެސް ޕާޔަލް ގޯޝް ކޮށްފި އެވެ. އަނޫރާގް ގެ މައްޗަށް ޕާޔަލް ކޮށްފައި ވަނީ ގަދަކަމުން ބެހެން އުޅުނު ކަމުގެ ތުހުމަތެވެ.

މިދިޔަ ހޮނިހިރު ދުވަހު އޭބީއެން ޓެލިނގޫ އަށް ދިން އިންޓަވިއުއެއްގައި ޕާޔަލް ބުނީ އަނޫރާގް އޭނާއާ ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްލުން އެއީ މާބޮޑު މައްސަލައެއްނޫން ކަމަށް ވިސްނައިދޭން ވެސް އަނޫރާގް މަސައްކަތް ކުރި ކަމަށް ޕާޔަލް ބުނެއެވެ. ޕާޔަލް ބުނީ އަނޫރާގް އޭނާއަށް އަނިޔާ ކޮށްފާނެ ކަމަށާއި ނުވަތަ ހަމަލާއެއް ވެސް ދީފާނެ ކަމަށެވެ. އެހެންކަމުން އަނޫރާގް އަވަހަށް ހައްޔަރުކުރުމަށް ވެސް ޕާޔަލް ވަނީ އެދިފައެވެ.

ޕާޔަލް ދެއްކި ވާހަކަތަކަށް ރައްދު ދިނުމަށް ހިންދީ ބަހުން ކުރި ޓުވީޓްތަކެއްގައި އަނޫރާގް ބުނީ ޕާޔަލް އޭނާގެ ބޮލުގައި އެޅުވި އިލްޒާމްތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އަނޫރާގް ވަނީ ޕާޔަލް މި ހުރިހާ ދުވަހު އެކަމާ ގުޅޭ ގޮތުން ވާހަކަ ނުދައްކައި އެކަން ސިއްރުކުރީ ކީއްވެގެންތޯވެސް ސުވާލުކޮށްފައެވެ.

ޕާޔަލްގެ މި ވާހަކަތަކާ ގުޅިގެން އަނޫރާގް ހައްޔަރުކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ. އޭގެ ތެރޭގައި ކަންގަނާ ވެސް ހިމެނެ އެވެ.