އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޝްމިކާ މަންދަނާ، 400 އާއިލާއަކަށް ބޭނުންވާ ކާބޯތަކެތީގެ ހަރަދުތައް ބެލެހެއްޓުމަށް ނިންމައިފިއެވެ.

ރަޝްމިކާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި އޭނާ ބުނީ، މި 400 އާއިލާއަށް ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ނިޔަލަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ކޮންމެ ތިން މަހަކުން އެއް ފަހަރު މި އާއިލާތަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ރަޝްމިކާ ބުނި ގޮތުގައި، މިފަދަ ކަމެއް ކުރުމަށް އޭނާއަށް ހިތްވަރު ލިބުނީ އޭނާގެ ފިރިމީހާ އަދި އެކްޓަރު ވިޖޭ ދޭވަރަކޮންޑާއާއެކު ކުޅެފައިވާ ކުރިއަށް އޮތް ފިލްމު "ރަނަބާލީ" ގައި އޭނާ އަދާކުރާ "ޖަޔައްމާ" ގެ ރޯލުގެ ސަބަބުންނެވެ. މީގެ ކުރިންވެސް މީހުންނަށް އެހީތެރިވުމަކީ އޭނާ ކުރަމުން އައި ކަމެއް ކަމަށާއި، ނަމަވެސް އެކަންކަން ސިއްރުކޮށްފައި ބޭއްވުމަށްފަހު މިފަހަރު އާންމުކޮށް ހާމަކުރަން ނިންމީ އެހެން މީހުންނަށްވެސް މިފަދަ ކަންކަން ކުރުމަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.

“މިކަމުގެ ސަބަބުން އެހެން މީހުނަށްވެސް މިފަދަ ކަމެއް ކުރުމަށް ހިތްވަރު ލިބިއްޖެނަމަ އަހަރެން ވަރަށް އުފާވާނެ،” ރަޝްމިކާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.ކުޑަ ނަމަވެސް ހެޔޮ އަމަލެއްގެ ސަބަބުން މީހެއްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ރަޝްމިކާގެ މި އެހީތެރިކަމާއެކު، އެ އާއިލާތަކުން ކާބޯތަކެއްޗަށް ކުރާން ޖެހޭ ހަރަދު ސަލާމަތްކުރެވި، މުސްތަގުބަލަށް ފައިސާ ރައްކާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. މި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ ޓީމުން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އޭނާ ވަނީ އާންމުކޮށްފައެވެ.

ރަޝްމިކާއާއި ވިޖޭ އެކުގައި ފެނިގެންދާ ޕީރިއަޑް އެކްޝަން ޑްރާމާ "ރަނަބާލީ" އަކީ 1876 އިން 1878 އަށް އިންޑިއާއަށް ކުރިމަތިވި ބޮޑު ތަދުމަޑުކަމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި ވިޖޭ އަދާކުރަނީ އިނގިރޭސިންނާ ދެކޮޅަށް މަސައްކަތްކުރާ ހަނގުރާމަވެރިއެއްގެ ރޯލެވެ. ރަޝްމިކާ ކުޅެނީ އޭނާގެ އަންހެނުން ޖަޔައްމާގެ ރޯލެވެ. ރާހުލް ސަންކްރިތިޔާން ޑައިރެކްޓުކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 16 ގައެވެ.