ފުލުހުންގެ ޑްރަގް އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާއާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިދިޔަ އާދިއްތަ އަދި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ ދެ އޮޕަރޭޝަނެއްގައި ޖުމުލަ 511 ބިޔަރު ދަޅާއި 116 ބަނގުރާ ފުޅި ހޯދާފައިވެއެވެ.

އެގޮތުން އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހެންވޭރު ގެއެއް ކައިރީގައި ޕިކަޕަކުން އެއްޗެހިތަކެއް ބާލަމުން ދިޔަ ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި. އެއީ 30 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެ ޕިކަޕު ބަލައި ފާސް ކުރުމުގެ ތެރެއިން 511 ބިޔަރު ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި 116 ބަނގުރާ ފުޅި ފެނިފައިވަނީ މާލެ ސިނާއީ ސަރަހައްދުން ވޭނެއް ހުއްޓުވައި ބަލައިފާސް ކުރި އިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައިގައި 26 އަހަރުގެ ދިިވެހި ފިރިހެނަކު ހައްޔަރު ކުރި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ދެ މައްސަލަވެސް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.