ކޮވިޑްގެ ދެވަނަ ރާޅު އަަރައިފިކަމަށް އިނގިރޭސިވިލާތުން އިއުލާންކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އެގައުމުން މިހާރު ފެންނަމުން ދަނީ ކޮވިޑްގެ ދެވަނަ ރާޅުގެ ކޭސްތައް ކަމަށެވެ. ބޮޑުވަޒީރު ވިދާޅުވީ ގައުމު އިތުރަށް ބޮޑު ލޮކްޑައުންއަކަށް ގެންދިއުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ ގައިދުރުކަން ކަށަވަރުކުރުމަށް ހަދާފައިވާ ގަވާއިދުތައް އިތުރަށް ހަރުދަނާކުރޮށް ތަންފީޒުކުރެއްވުމަށް ކަމަށެވެ.

ދެވަނަ ރާޅާއެކު އިނގިރޭސިވިލާތުން ވަނީ އަމަލު ކުރުމަށް ހާއްސަ ތިން މަރުހަލާއެއް ތައްޔާރު ކޮށްފައެވެ. އަދި ހާލަތަށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވަނީ ތައްޔާރުވެފައެވެ.

ފުރަތަމަ މަރުހަލާގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވެއެވެ. މީގެ ސަބަބުން އެގައުމުގައި އިތުރަށް ލޮކްޑައުން އަކަށް ދިއުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވެއެވެ. ދެވަނަ މަރުހަލާގައި މީހުން އެއްވުމާއި ސިއްހީ ފަރުވާދޭ ތަންތަނުގައި ކާފިޔު އިއުލާން ކުރުމަށް ވަނީ ހިމަނައިފައެވެ. ތިންވަނަ މަރުހަލާގައި މުޅި ގައުމު ލޮކްޑައުން ކުރުމަށް ވަނީ ނިންމައިފައެވެ.

ފިޔަވަޅުތައް އެޅުމުގައި ދެވަނަ މަރުހަލާ އަށް ދާނަމަ އެގައުމުގެ ބައެއް ސަރަހައްދުތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށްވެސް ނިންމާފައި ވެއެވެ.

އިނގިރޭސިވިލާތުން މިހާތަނަށް ކޮވިޑް ޖެހިފައިވާކަމަށް 386،000 ކޭސް ރެކޯޑުކޮށްފައިވާއިރު އެގައުމުން ވަނީ 41،732 މީހުން މިބަލީގައި މަރުވެފައެވެ.