ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދާރުލް ޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ކުރީގެ އިސްލާމިކް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި، އެމައްސަލައިގައި ދައުވާކުރުމަށްޓަކައި އިއްޔެ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) އާއި، އޭރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދު (މ.މުހައްމަދީއާބާދު، ކ.މާލެ)ގެ މައްޗަށް ކަމަށްވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ، އެ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ސިޓީ ފޮނުވާފައިވާ ކަމާއި، ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލެއްގެ މައުލޫމާތު ހިމަނައި އެ ތިން ފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް ރައީސް އޮފީހަށް ފޮނުވުމަކީ، ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާކަމެއްކަން ތަހުގީގަށް ސާބިތުކުރެވޭ ކަމަށެވެ.
"މި ޕްރޮޕޯސަލްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަން ކަމަށް ތަހުގީގަށް ގަބޫލުކުރެވޭތީއާއި، އޭރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރި ޑރ. އަހުމަދު ޒިޔާދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާ އިރު، އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތުމުންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުސޫލު ނޫންކަމާއި، އަދި އިސްލާމިކް މިނިސްޓްރީން އެފަދަ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައިނުވާކަން ތަހުގީގަށް އެނގިފައިވާތީ، އެ މަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަހުގީގަށް ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަހީ ހެކިތަކުން ސާބިތުކުރެވޭތީ، ޑރ. އަހުމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) ގެ މައްޗަށް ގާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ޤާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމީއެވެ..،" އޭސީސީގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެބަޔާނުގައި ބުނީ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވީ، ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލްތައް ހޯދާފައިވާ އިރު، އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދު އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަޝްރޫއު ހަވާލުކުރުމަށް މަސައްކަތްކޮށްފައިވާތީއާއި، ޒިކުރާ މިސްކިތް އިމާރާތްކުރުމަށް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް އޭނާ ބިން ހަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާތީ އިބްރާހީމް އަބްދުﷲ ސައީދާއި އެސްޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މަސްލަހަތު ފުށުއަރާ ފަދަ ގުޅުން އޮންނަކަން ތަހުގީގަށް ފާހަގަކުރެވޭތީއާއި، ޒިކުރާ މިސްކިތް އިމާރާތްކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ހިމަނާފައިނުވާ އިރު، އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އޭނާ އެ ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސްޖޭ ކޮންސްޓްރަކްޝަނަށް އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު