ޚަބަރު

ޓެސްޓު ހެދި 3004 މީހުންގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވޭ: އޭޑީކޭ

ކޮވިޑް 19 އިން ރާއްޖެ ރައްކާތެރިކޮށްދިނުމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، އެމީހުންގެ ގޭބިސީގެ މީހުން އަދި ޑެލިވަރީ ހިދުމަތުގެ މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންޓިބޮޑީ ޓެސްޓު ހެދި 3004 މީހުންގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި، އެމީހުންގެ ގޭބިސީގެ މީހުން އަދި ޑެލިވަރީ ހިދުމަތުގެ މަސައްކަތް ކުރާ މީހުން އެންޓިބޮޑީ ޓެސްޓު ހެދުމަށް އޭޑީކޭ އިން ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ރޯޗް ކޯބާސް އެލެކްސިސް E411 އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ޓެސްޓުތައް ހެދުމަށް އޭޑީކޭ އިން އެ ހަރަކާތް ހިންގާފައިވަނީ ހިލޭއެވެ.

އެންޓިބޮޑީ ޓެސްޓު ހަދަނީ މީހަކަށް ކުރިން ކޮވިޑް ބަލި ޖެހިފައިވޭތޯ ބެލުމަށެވެ. ކުރިން ބަލި ޖެހިފައި ހުރި މީހުން ދެނެގަތުމަށް އެހެން ގައުމުތަކުގައި ވެސް އެންޓިބޮޑީ ޓެސްޓު ހަދައެވެ.

އެ ހަރަކާތުގެ ނަތީޖާތައް އޭޑީކޭ އިން މިއަދު އާންމުކޮށްފައިވާ އިރު، ޓެސްޓު ހެދި 3004 މީހުންގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން ވަނީ އެންޓިބޮޑީ ފެނިފައެވެ. އެއީ ޓެސްޓު ހެދި 4.1 ޕަސަންޓު މީހުންނެވެ.

ޓެސްޓުގައި ބައިވެރިވި 3004 މީހުންގެ ތެރެއިން 412 މީހުންނަކީ ސިއްހީ ހިދުމަތްތެރީންނެވެ. އަދި 1257 މީހުންނަކީ ޑެލިވަރީ މަސައްކަތްތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނެވެ.

ޓެސްޓުގައި ބައިވެރިވި ސިއްހީ ހިދުމަތްތެރީންގެ ތެރެއިން ހަތް ޕަސަންޓު މީހުންގެ ހަށިގަނޑުން ވަނީ އެންޓިބޮޑީ ފެނިފައެވެ. އަދި ޓެސްޓުގައި ބައިވެރިވި ޑެލިވަރީ މަސައްކަތްތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 6.01 ޕަސަންޓު މީހުންގެ ހަށިގަނޑުން ވަނީ އެންޓިބޮޑީ ފެނިފައެވެ.

އޭޑީކޭ އިން ލަފާކުރާ ގޮތުގައި މާލެ ސަރަހައްދުގައި 90،000 ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުން އުޅެއެވެ. އޭޑީކޭ އިން އެންޓިބޮޑީ ޓެސްޓު ހެދި އެންމެންނަކީ ވެސް ޕީސީއާރު ޓެސްޓެއް ހަދާފައިނުވާ މީހުންނަށްވާ އިރު، އެމީހުންނަކީ ކޮވިޑުގެ އަލާމާތްތައް ނުފެންނަ (އޭ ސިމްޓަމެޓިކް) މީހުން ކަމަށް ވެސް އެ ހޮސްޕިޓަލުން ލަފާކުރެއެވެ.

އޭޑީކޭ އިން ބުނީ އެ ހަރަކާތުގެ ހޯދުންތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް މިހާރު ހިއްސާކޮށްފައިވާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް އެފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ރާއްޖެއަށް ކޮވިޑު ފެތުރިފައިވާ މިންވަރު ބެލުމަށް އެންޓިބޮޑީ ޓެސްޓިންގެ އިތުރު ދިރާސާއެއް ހަދަން ޖެހޭ ކަމަށް ވެސް އޭޑީކޭ އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 9494 އަށް އަރައިފައެވެ. މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެވްރެޖްކޮށް ދުވާލަކު 100 އިން މަތީގައި އުޅުނު ނަމަވެސް، މިމަހު އެ އަދަދު ވަނީ 100 އިން ދަށަށް ވެއްޓިފައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 8033 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1422 މީހުންނެވެ. އަދި އެ ބަލީގައި ރާއްޖެއިން 33 މީހަކު ވަނީ މަރުވެފައެވެ.