ހއ. ދިއްދޫގައި މޫދަށް އެރި އުޅެނު މީހަކު މަރުވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ.

ދިއްދީ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް "ވަން" އަށް ވިދާޅުވީ މިއަދު ހަވީރު ދިއްދޫގައި މޫދަށް އެރި އުޅުނު މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އެރަށު ހޮޓާ ހިންގުމުގެ ވިޔަފާރީގައި މަޝްހޫރު އަބޫބަކުރު އަބްދުﷲ އެވެ.

ހާޝިމް ވިދާޅުވީ އޭނާ މަރުވެފައި އޮއްވައި ފެނުނީ މިއަދު ހަވީރު 6:00 ހާއިރު ކަމަށާއި އެނާ މިހާރު އޮތީ އެރަށު ހޮސްޕިޓަލްގައި ކަމަށެވެ. އޭނާ މަރުވި ސަބަބެއް ސާފެއްނުވެއެވެ.

ދިއްދޫ ކައުންސިލް މެންބަރަކު ވިދާޅުވީ އެމީހާއަކީ ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުމަށްފަހު މޫދަށްދާ މީހެއް ކަމަށެވެ.

އޭނާ ދިއްދޫ ދެކުނު ފަރާތު މޫދުގައި މަރުވެފައި އޮއްވައި ފެނުނީ ކުޑަކުދިންތަކަކަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.