މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ހެދި ގަވާއިދު އުވާލައިފި

ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ޝިޕިން އެޖެންސީތަކެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމްކޮށް އެކުލަވައިލި ގަވާއިދު އުވާލައިފި އެވެ.

މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކޮށް އަމަލުކުރަން ފެށި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު އުވާލަން ނިންމި ސަބަބެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ ގަވާއިދާ ގުޅިގެން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވުމާއި އެ ގަވާއިދުގައި ބައިނަލްއަގްވާމީ މިންގަޑުތަކާއި ތައާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމުން ގަވާއިދު މުރާޖާކުރުމަށް ޓަކައި ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން މިދިޔަ މަހުގެ 16ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިން އެޖެންސީ ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި އެ މުއްދަތަށްފަހު ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމަކީ މަނާކަމެކެވެ. ގަވާއިދުގައި ބުނެފައި ވަނީ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިން އެޖެންޓްކަން ކުރަން ވާނީ، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ހޯދުމަށްފަހުގައި ކަމަށާއި ފަސް އަހަރުގެ މުއްތަށް ދޫކުރާ އެ ލައިސަންސް އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެ ގަވާއިދާއެކު ތަފާތު އެކި ނަންނަމުގައި ބޭރުގެ އެޖެންސީތަކުން ފީ ނެގުން ހުއްޓޭނެ އެވެ. އެގޮތުން ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އ3ޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.

އޭގެ އިތުރުން ކޮންސައިނީ އަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑާ ސީދާގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނުނެގޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަ ވެގެން 500 ރުފިޔާ ނެގިދާނެ ކަމަށް ގަވައިދުގައި ބުނެ އެވެ.

އެ ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެ އެވެ. ގަވާއިދާ ތަކުރާރުކޮށް ހިލާފުވެއްޖެނަމަ، އަދި އެ އޭޖެންސީއެއްގެ ޒިންމާއާއި ވާޖިބުތައް އަދާކުރުމުގައި އިހުމާލުވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދި، އިދާރީގޮތުން ކުރާ ތަހުގީގަށް އެކަން ސާބިތުވެއްޖެނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ހުއްދަ ބާތިލު ކުރުމުގެ އިހުތިޔާރު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ލިބިގެންވެ އެވެ.