ޕްރިންސިޕަލުން މަސައްކަތް ކުރާނެ ސްކޫލު ކަނޑައެޅުމާ ގުޅޭ އުސޫލު މުރާޖައާ ކުރުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ ސަރުކާރު ސްކޫލުތަކުގެ ޕްރިންސިޕަލުންގެ ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލާ ގުޅިގެން އެކި ފަހަރު މަތިން ސުކޫލުތަކުގެ ޕްރިންސިޕަލުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކުރަމުން އަންނަ ކަމަށެވެ.
"ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލާ ގުޅިގެން އެކި ފަހަރު މަތިން ތިޔަބޭފުޅުން (ޕްރިންސިޕަލުން) އަޅުގަނޑުމެންނާ (އެޑިއުކޭޝަން މިނިސްޓްރީ) ހިއްސާކުރައްވާފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ އުސޫލު މުރާޖައާކުރުމުގެ މަސައްކަތާއި އުސޫލާ ގުޅިގެން ހަދާ ގަވާއިދު ހެދުމުގެ މަސައްކަތް ތިޔަބޭފުޅުންގެ ބައިވެރިވުމާއެކު ސިވިލް ސަވިސް ކޮމިޝަނާ ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވާހަކަ ދަންނަވަން،" ސިޓީގައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އުސޫލާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާނީ އުސޫލުގައިވާ ގޮތަށް ގަވާއިދު އާންމުކުރުމަށްފަހު އެއާ އެއްގޮތަށް ކަމަށެވެ.
ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލު ޕްރިންސިޕަލުން އައްޔަންކުރުމާއި ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ނޭދެވޭ ބައެއް މައްސަލަތަކަށް ހައްލު ހޯދުމުގެ މަގުސަދުގައި ސިވިލް ސަވިސް ކޮމިޝަނުން އެކުލަވާލާފައިވާ އެ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެ އުސޫލުގައި އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން އަށް އަހަރު ކަމަށް ހަމަޖައްސާފައި އޮތުމާއި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައެޅުމުގެ ބާރު އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހިމެނޭގޮތަށް އެކުލަވާލާ ފަސް މެންބަރުންގެ ދާއިމީ ކޮމިޓީއަކަށް ދީފައި އޮތުމެވެ.
އުސޫލުގައި ހުރި ބައެއް ކަންކަމާ ގުޅިގެން ބައެއް ޕްރިންސިޕަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ޕްރިންސިޕަލެއްގެ ޓެނުއާޝިޕް ހަމަވުމުން އެހެން ސްކޫލެއްގެ ވަޒީފާއަށް ކުރިމަތި ނުލިޔަސް އެހެން ސްކޫލަކަށް ބަދަލުކުރުމަކީ ހަމައެއް ނޫން ކަމަށާއި ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލުގެ ބާރު ކޮމިޓީއަކަށް ދީފައި އޮތުމުން އެކަމުގައި ޒާތީ އަދި ސިޔާސީ ކުލަ ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ޕްރިންސިޕަލުން ބުނެއެވެ.
އުސޫލުގެ ދަށުން ޓެނުއާ ފަށާނީ އެޑިއުކޭޝަން މިނިސްޓްރީން ލިޔުމުން އެކަން ކަނޑައަޅައި ހަވާލުކުރާ ތާރީހުން ފެށިގެންނެވެ. އެގޮތުން ފުރަތަމަ ހަތަރު އަހަރުގެ ޓެނުއާ ނިމި، އިތުރު ހަތަރު އަހަރަށް އެ ސްކޫލުގައި ހުންނަން ބޭނުން ނަމަ، އެކަމަށް އެދި ހުށަހެޅޭނެއެވެ. ނުވަތަ ޝައުގުވެރިވާ އެހެން ސްކޫލަކަށް ބަދަލުވާން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. ނަމަވެސް ވިދިވިދިގެން އަށް އަހަރު އެއް ސްކޫލެއްގައި ހަމަކުރުމަށްފަހު، އެހެން ސްކޫލަކަށް ހިދުމަތް ކުރުމަށް ބަދަލުވާން ޖެހޭނެއެވެ.