ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖަޕާނުގެ އާ ބޮޑުވަޒީރަށް ރައީސް ސޯލިހް މަރުހަބާ ވިދާޅުވެއްޖެ

ޖަޕާނުގެ އާ ބޮޑުވަޒީރު ކަމަށް މިއަދު އިންތިހާބު ކުރި ޔޮޝިހިދޭ ސުގާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އުމުރުފުޅުން 71 އަހަރުގެ ސުގާ ޖަޕާނުގެ ބޮޑުވަޒީރު ކަމަށް އިންތިހާބު ކުރީ ކުރިން އެ މަގާމުގައި ހުންނެވި ޝިންޒޯ އަބޭ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖަޕާނުގެ ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ރައީސް ކަމަށް މިދިޔަ ހޯމަ ދުވަހު ހޮވި ސުގާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ 465 މެންބަރުންގެ ތެރެއިން 314 މެންބަރުން ތާއީދު ކުރެއްވި އެވެ. އަދި މަތީގެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 240 މެމްބަރުންގެ ތެރެއިން 142 މެމްބަރުން ތާއިދު ކުރެއްވި އެވެ.

ސުގާއަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހް މިއަދު ކުރެއްވި ޓުވީޓުގައި ވަނީ، ސުގާގެ ޒައާމަތުގައި ރާއްޖެ އާއި ޖަޕާނާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 14 ނޮވެންބަރު 1967 ގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރު އެމަނިކުފާނު ވަނީ ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވައިފަ އެވެ.