ޓެކްނޮލޮޖީ

އެޕަލް ޓައިމް ފްލައިސް: އެޕަލް ވޮޗް ސީރީޒް 6ގައި ދުޅަހެޔޮ ސިއްހަތަށް ހާއްސަ ފީޗާތަކެއް

މުހައްމަދު އައުޒަމް

ލޭގައި އޮކްސިޖަން ހުރި މިންވަރު ބަލައިލެވޭ ޓެކްނޮލޮޖީއާ އެކު އެޕަލްގެ ވޮޗް ސީރީޒް 6 ތައާރަފު ކޮށްފިއެވެ.

އެޕަލް އިން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީން ވަނީ އެންމެ ފަހުގެ ދެ އައި ވޮޗް ދައްކައިލައިފައެވެ. ފަހުގެ ވޮޗްތައް ތައާރަފު ކޮށްދިނީ އެޕަލްގެ ޗީފް އޮޕަރޭޓިންގް އޮފިސަރު ޖެފް ވިލިއަމްސް އެވެ.

އެޕަލްގެ ވޮޗް ސީރީޒް 6 ގައި ވަނީ އައިވޮޗް އަށް އިންގިލާބީ ކުރިއެރުންތަކެއް ގެނެސްފައެވެ. މިފަހަރުގެ އައިވޮޗް އަކީ ކަސްރަތު ކުރުމާއި ދުޅަހެޔޮ ސިއްހަތަކަށް ހާއްސަ އައިވޮޗް އެކެވެ.

އައިވޮޗް 6 ގައި އެޕަލް އިން ވަނީ ލޭގައި އޮކްސިޖަން މިންވަރު އެކުލެވޭވަރު ބަލައިލެވޭނެ ޓެކްނޮލޮޖީ ހިމަނައިފައެވެ. ހާއްސަ އެޕެއް ބޭނުންކޮށްގެން މި ގަޑި ބޭނުންކުރާ މީހާގެ ލޭގައި އޮކްސިޖަން ހުރި މިންވަރު ބަލައިލެވޭނެއެވެ. ފުއްޕާމެއިން ހަށިގަނޑުގެ އެހެން ގުނަވަންތަަކަށް ލޭގެ އެހީގައި އޮކްސިޖަން ފޯރުކޮށްދޭ އިންސައްތަ ވެސް މިއެޕްގެ އެހީގައި ބުނެދޭނެއެވެ.

އެޕަލް އައިވޮޗް 6 ގައި ޑުއަލް ކޯ ޕްރޮސެސަރު ހިމެނޭއިރު މީގެ ސަބަބުން 20 އިންސައްތައަށް އައިވޮޗް6 ފާސްޓު ވާނެ ކަމަށް އެޕަލް އިން ބުނެއެވެ. މީގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އައިވޮޗް ބޭނުން ކޮށްގެން ކާރު އަން ލޮކް ކޮށްލެވޭ ހިދުމަތް ވެސް އެޕަލް އިން ވަނީ ހިމަނައިފައެވެ.

އެޕަލް ވޮޗް6 ދޮޅު ގަޑިއިރުތެރޭ ފުލް ޗާޖް ކުރާނެ ކަމަށް އެޕަލް އިން ބުނެއެވެ. ކަސްރަތު ކުރުމާއި ދުވުމުގައި އެޕަލް ވޮޗް އިން ބެޓަރީ ބޭނުންކުރެވޭ މިންވަރު މަދުވާނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

އެޕަލް އިން ވަނީ އާ އައިވޮޗް އާއެކު ވޮޗް އޯއެސް 7 ވެސް ތައާރަފު ކޮށްފައެވެ. އާ އޯއެސް ގައި ފާހަގަކޮށްލެވޭ އެންމެ ތަފާތު އެއް ކަމަކީ އާއިލާ މެންބަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް ހިމަނާފައިވާ ފީޗާއެވެ. އެގޮތުން އެޕަލް ފޯނެއް ބޭނުން ނުކޮށް އެޕަލް އައިވޮޗް މެދުވެރިކޮށް އެކަކު އަނެކަކާ ގުޅައިލެވެއެވެ. އައިވޮޗް މެދުވެރިކޮށް އިމަޖެންސީ ކޯލް ވެސް އެކަކު އަނެކަކާ ކުރެވޭނެ ކަމަށް އެޕަލް އިން ބުނެފައި ވެއެވެ.

އެޕަލް އިން ރޭ ތައާރަފު ކޮށްފައިވާ އެޕަލް އައިވޮޗް އެސްއީ ގައިވެސް ފާހަގަ ކޮށްލެވޭ ތަފާތު ކަންތައްތަކެއް ހިމަނާފައި ވެއެވެ.

އެޕަލް ވޮޗް އެސްއީގެ ޑިސްޕްލޭ އައިވޮޗް3 ގެ ޑިސްޕްލޭއަށްވުރެ 30 އިންސައްތަ ބޮޑުވާނެ ކަމަށް އެޕަލް އިން ބުނެއެވެ. އެސްއީގައި ހިމެނޭ ހާއްސަ ޕްރޮސެސާގެ ސަބަބުން އައިވޮޗް3 އަށްވުރެ ދެގުނަ ފާސްޓް ވާނެއެވެ.

އެޕަލް ވޮޗް އެސްއީގައިވެސް ވޮޗް އޯއެސް 7 ހިމެނޭނެ ކަމަށް އެޕަލް އިން ފާހަގަކޮށްފައި ވެއެވެ.

އެޕަލް ވޮޗް އެސްއީ އަދި އެޕަލް ވޮޗް 6 ވެސް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައެވެ. އެޕަލް އިން ވަނީ އެކުންފުނީގެ ވެބްސައިޓުގައި ޕްރީ އޯޑަރަށް ވެސް ހުޅުވާލައިފައެވެ.