ފްލެޓު ކޮމިޓީން ނެރެފައިވާ ވަގުތީ ލިސްޓަށް 3068 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެކޮމިޓީން ބުނެފިއެވެ.
ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީއާއި ޓީޗަރުންނަށް ހާއްސަ ކެޓަގަރީއާއި މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓު ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުން (ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓެއް މިދިޔަ މަހު 24 ގައި ވަނީ އާންމުކޮށްފައެވެ.
ފްލެޓު ކޮމިޓީން ބުނީ، ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ މުއްދަތު ހަމަވުމާ ގުޅިގެން އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތްތައް ކުރަމުންގެންދާ ކަމަށެވެ.
"މި ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތަކުގައި ޕޮއިންޓް ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައިވަނީ އިއްޔެގެ ނިޔަލަށް. މި މުއްދަތުގެ ތެރޭގައި ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ޖުމްލަ 3,068 ޝަކުވާ ހުށަހަޅާފައިވޭ،" ފްލެޓު ކޮމެޓީން ބުންޏެވެ.
ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ ލިބިފައިވާ ޕޮއިންޓާ މެދު ހުށަހަޅާފައިވާ 2,430 ޝަކުވާ އާއި އެހެން ފަރާތަކަށް ލިބިފައިވާ ޕޮއިންޓާ މެދު ހުށަހަޅާފައިވާ 140 ޝަކުވާ އާއި ފޯމު ހުށަހެޅުމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ހިމެނިގެން ހުށަހަޅާފައިވާ 57 ޝަކުވާ އާއި "އިތުރު ކޮމެންޓްސް" ގެ ގޮތުގައި ދީފައިވާ މައުލޫމާތާ ގުޅިގެން ހުށަހަޅާފައިވާ 85 ޝަކުވާ އާއި މައުލޫމާތުގައި ކުށެއް އޮވެގެން ހުށަހަޅާފައިވާ 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ 278 ޝަކުވާ ކަމަށްވެސް އެ ކޮމިޓީން ބުންޏެވެ.
ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވައިލުމުގައި ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކުރާނެ ކަމަށް އެ ކޮމިޓީން ބުންޏެވެ.
ފުލެޓު ކޮމެޓީން އިއުލާންކޮށްފައިވާ ވަގުތީ ލިސްޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ހިތްހަމަނުޖެހުން އަމާޒުވިއެވެ. އަދި ޕޮއިންޓް ދީފައިވާ ގޮތް ހާމަކުރުމަށްވެސް ބައެއް އާންމުންގެ އިތުރުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ގޮވާލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު