ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ޑިމޮކުރަސީން ކަށަވަރުކޮށްދޭ ބައެއް ހައްގުތައް އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްއެޅިފައި ވީ ނަމަވެސް، ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވިދަޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި އެކަމަށް މަގު ފަހިކޮށްދިނުމާއެކު ދައުލަތް ހިންގުމުގެ ކަންކަން ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޒިންމާދާރުކަމާއެކު ކުރަމުން ގެންދިއުމަށް ބާރު އެޅުން ކަމަށެވެ.
މިއަހަރުގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާ މި ދުވަސްވަރަކީ ކޮވިޑުގެ ބަލިމަޑުކަމާއި ގުޅިގެން ގައުމުތަކުގެ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް ހުއްޓިފައިވާ ދުވަސްވަރެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކޮންމެ ފަރުދަކަށް ލިބިދީފައިވާ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ހައްގަށް އުނިކަމެއް އަޔަނުދީ، އެ ހައްގު ރައްކާތެރިކޮށްދެއްވުމަށް ކަމަށެވެ.
އެގޮތުން މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ ގުނަވަންތައް އެކުގައި މަސައްކަތް ކުރުމަށާއި ފަރުދީ ފެންވަރުގައާއި ޖަމާއަތުގެ ފެންވަރުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންފަ އެވެ.
ރައީސްގެ ހިތާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ޑިމޮކްރަސީގެ ފުރިހަމަ މަންފާތައް ހޯދުމަށް ކޮވިޑުގެ ނުރައްކަލުން ވީ އެންމެ އަވަހަކަށް މިންޖުވުމަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ފަރުދީ ޒިންމާ އިސްކޮށް އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންނެވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު