އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގަބޫލުނުކުރެވިގެން އުޅެނީ މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހަޖަމު ނުވާ ފަރާތްތައް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިގޮތަށް ވިދާޅުވެފައި މިވަނީ "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާއާއެކު ބޮޑު ކެމްޕެއިނެއް ފަށާފައިވަނިކޮށެވެ.

އެ ހަރަކާތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. އެ ހަަރަކާތަކީ ހަނގުރާމަވެރި ޖަމާއަތް، އައިސިސް އިން ރާއްޖެ ހިފުމަށް ދެވޭ ބާރެއް ކަމަށާއި އިދިކޮޅުން މަސައްކަތް ކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށް" ކަމަށް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ.

ކޮޅުފުށީގައި އިންޑިއާ ސަރުކާރުގެ އެހީގައި މަގުބައްތި ޖަހައި ނިންމާލުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ އޮތް ގުޅުމަކީ ހާއްސަ ގުޅުމެއް ކަމަށާއި މި ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމެއް ކަމަށެވެ. އަދި ދެ ގަައުމުގެ ރައްޔިތުންގެ ހިތާއި ހިތާ ގުޅިފައި އޮތް ގުޅުމެއް ކަމަށާއި އެކަން ގަބޫލު ކުރައްވާ ކަމަށެވެ.

"އެކަން ގަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މިސަރުކާރުން ހިންގަވާ ތަރައްގީގެ މަޝަރޫއުތަކަށް، އެތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް. އެކަން މިއަދުގެ ޒަމާނީ އިބާރާތުން ދަންނަވާކަމަށްވަންޏާ، ހަޖަމް ނުކުރެވޭ ފަރާތްތައް. އަޅުގަނޑުމެން އެފަރާތްތަކުން ދައްކާ ވާހަކައަކަށް ބަލާކަށް ނުތިބޭނަން،" ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަކީ އަދި ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާނީ ވެސް ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެކަމުގައި ފަސް ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް މިއަދުގެ ސަރުކާރުން ކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮޅުފުށީގައި ކުރިއަށްދިޔަ މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިއަދު ކޮޅުފުއްޓަށް ލިބިގެންމިދާ ވަރުގަދަ އަލިކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސީދާ ބެއްލެވުމުގެ ދަށުން ނިންމަވާ ހިންގެވުމަށް އަންގަވާފައިވާ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ކުރަމުންގެންދާ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް ބަލައިލުމުން ފެންނާނެ ކަމަށާއި ކޮންމެ ރަށެއްގައި، ކޮންމެ އަތޮޅެއްގައި ހިންގަމުން އަންނަ ޕްރޮޖެކްޓްތައް ކުރިމަތީގައި ފެށެމުން ނިމެމުން އަންނަ ކަމަށެވެ.

"ކުދި ޕްރޮޖެކްޓްތައް، އެއީ މަގުބައްތި ޖެހުންކަމުގައި ވިޔަސް، ބަނދަރު ހެދުން، ސްކޫލް އެޅުން، ފެނާއި ނަރުދަމާގެ މަސައްކަތް، މިހިރަ ކަންތައްތައް އެހެރަ ދަނީ ހިނގަމުން. މެދުނުކެނޑި ހިނގަމުން. މުޅި ދުނިޔެ ކޮވިޑްގެ ނުރައްކާތެރި ވަބާގައި އޮތްއިރުވެސް އެއްވެސް މަޝްރޫއަކަށް މަޑުޖެހިލުމެއްނެތި ކުރިއަށް އެހެރަ ދަނީ ވަރަށް ހަލުއި ސްޕީޑެއްގައި." ޝާހިދު ވިދާޅުވިއެވެ.