ވިޔަފާރި

އޮންލައިން ޓްރޭޑިން މުއާމަލާތްތަކުގެ ސަބަބުން ބީއެމްއެލް އިން ބޭރަށްދާ ޑޮަލަރު އިތުރުވޭ: ޓިމް

ރާއްޖޭން ބޭރުން އަންނަ ފައިސާ، ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުއްޓާލި ސަބަބާ ގުޅޭ ގޮތުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ މައުލޫމާތު ދެއްވައިފި އެވެ.

މިއަދު ހަވީރު ބައެއް މީޑިއާތަކާއެކު ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ 'ވިސާ ޑައިރެކްޓް'، 'މާސްޓަކާޑް ސެންޑް' ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބީއެމްއެލުން ހުއްޓާލައި އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓަށް ޖަމާކުރުމަށް ނިންމީ ގިނަ ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

"ބައެއް ކަސްޓަމަރުން (ގާތްގަނޑަކަށް 350 އަށް ވުރެ މަދު) ބޭރުން ލިބޭ ފައިސާ ނުވަތަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމްތަކުންނާއި ޑިޖިޓަލް ވޮލެޓްތަކުން ނަގަން ބޭނުންވާ ފައިސާ ޑޮލަރު އެކައުންޓްތަކަށް ބޭންކުން މީގެ ކުރިން އައި ޖަމާކޮށްދެމުން. މީގެ ތެރެއިން ގިނަ ފަރާތްތަކުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓްރޭޑް ވޮލެޓްތަކަށް 15.42 ރުފިޔާގެ ރޭޓުގައި ޑޮަލަރު ޓޮޕްއަޕްކޮށް އަދި ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރު އެކައުންޓްތަކަށް ފައިސާ ގެނޭ. މިގޮތަށް ޑޮލަރު ލިބުމާއެކު މިފަރާތްތަކުން އެކައުންޓްގައި ހުރި ޑޮލަރު އޭޓީއެމް މެދުވެރިކޮށް ނަގައި އެހެން މާކެޓްތަކަށް ޑޮލަރު ވިއްކާ. މި ގޮތަށް އަމަލުކުރުމުގެ ސަބަބުން ކާޑު އެސޯސިއޭޝަންތަކަށް ބޭންކުން ޑޮލަރުން ފައިސާ ދައްކާއިރު ކަސްޓަމަރުން ކާޑަށް ފައިސާ މިދައްކަނީ ރުފިޔާއިން ކަމަށްވާއިރު މި ދެންނެވި ގޮތަށް އަމަލުކުރުމުގެ ސަބަބުން ބޭންކުން ބޭރަށް ދާ ޑޮލަރު މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ." ޓިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިގޮތަށް އެތައް ހާސް ޑޮލަރެއް ބޭރަށް ދިއުމުގެ ސަބަބުން ބީއެމްއެލްގައި ހުރި ޑޮލަރު މިންވަރު ދަށްވެ، ޓީޓީފަދަ މުހިންމު ބޭނުންތަކަށް ޑޮލަރު ދިނުމުގައި ދަތިތަކާ ކުރިމަތިވެ އެވެ. އެހެންކަމުން މި ފިޔަވަޅަކީ ބޭންކުން ބޭރަށް ދާ ޑޮލަރުގެ އަދަދު ހިފަހައްޓައި އަދި މުހިންމު ބޭނުންތަކަށް ޑޮަލަރު ބެހެއްޓުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމަށް ޓިމް ވިދާޅުވި އެވެ.

ބީއެމްއެލުން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ މަޑުޖެހިފަ އެވެ. އަދި ރާއްޖެއަށް އެތެރެވާ ޑޮލަރުގެ 80 އިންސައްތަ ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާތީ، ރާއްޖެއަށް އެތެރެވާ ޔޫއެސް ޑޮލަރުގެ އަދަދު ވެސް ވަނީ އިންތިހާއަށް ދަށްވެފަ އެވެ.