ދުނިޔެ

އިސްރާއީލުން ކޮވިޑް ކޭސްތައް އިތުރުވެ ދެވަނަ ފަހަރަށް މުޅިގައުމު ލޮކްޑައުން ކުރަނީ

މުހައްމަދު އައުޒަމް

4

އިސްރާއީލުން ކޮވިޑް ކޭސްތައް އިތުރުވެ ދެވަނަ ފަހަރަށް މުޅި ގައުމު ލޮކްޑައުން ކުރަން ނިންމައިފިއެވެ.

އިސްރާއީލު ސަރުކާރުން ވަނީ ދެހަފުތާގެ ހަރުކަށި ލޮކްޑައުންއެއް ކުރުމަށް ނިންމާފައިވާކަމަށް އިއުލާން ކޮށްފައެވެ.

މީގެ ކުރިން އެގައުމުން ވަނީ މެއި މަހުގައި ލޮކްޑައުން ކޮށް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އޭރު ކުރީ 17،000 ގައެވެ.

ރައްކާތެރި ފިޔަވަޅުތަކާއެކު ގައުމު ހުޅުވާލި ނަމަވެސް އެގައުމުން މިހާރު ވަނީ ކޮވިޑްގެ ކޭސްތައް ބޮޑުތަނުން އިތުރުވެ 145،000 އަށް އަރައިފައެވެ. އަދި ބައެއް ދުވަސް ދުވަހު ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވާލަކު 4000 އިން މައްޗަށް ވެސް އަރާފައި ވެއެވެ.

އިސްރާއީލުން ވަނީ ކޮވިޑް ޖެހިގެން މިހާތަނަށް 1100 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ. އެ ގައުމުގެ އާންމުން ވަނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ގައުމުގެ އިގްތިސާދީ ހާލަތާ މެދު ސަރުކާރުން އިހުމާލުވެފައިވާތީ ހިތްހަމަ ނުޖެހި ބޮޑެތި މުޒާހަރާތަކެއް ވެސް ކޮށްފައެވެ.

އިސްރާއީލަކީ ދުނިޔެއިން މިހާތަނަށް ދެވަނަ ފަހަރަށް މުޅިގައުމު ލޮކްޑައުން ކުރި ފުރަތަމަ ގައުމެވެ.