ސިއްހީ ހިދުމަތުގެ ފެންވަރު ބަލަން ޖެހޭ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލައިފިއެވެ.

ގާނޫނު ނަންބަރު 29/2015 ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސިއްހީ ހިދުމަތްދޭ ތަންތަން، މި ގާނޫނުގެ ދަށުން ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިންގަނީ ގާނޫނާއި ގަވާއިދުތަކާއި، އުސޫލުތަކާއި، މިންގަނޑުތަކާއި، އިޖުރާއާތުތަކާ އެއްގޮތަށްތޯ ކަށަވަރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް "ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސް" ގެ ނަމުގައި މަގާމެއް އުފައްދައި، އެ މަގާމަށް މީހަކު އައްޔަންކުރަންވާނެ ކަމަށެވެ. ނަމަވެސް އެ ގާނޫނަށް އަމަލު ކުރާތާ ހަތަރު އަހަރުވެގެން ގޮސްފައިވާއިރުވެސް އެ މަގާމަށް މީހަކު އައްޔަނުކޮށްފައެއް ނުވެއެވެ.

ސިއްހީ ހިދުމަތުގެ ފެންވަރު ބަލަން ޖެހޭ ކޮމިޝަނަރުގެ މަގާމަށް މީހަކު އައްޔަނު ނުކުރާ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހަށްވެސް މިއަހަރު ހުށަހަޅާފައިވެއެވެ. އަދި އެ މަގާމަށް މީހަކު އައްޔަނުކޮށްފައިނުވާ މައްސަލަ އޮޅުންފިލުވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން، ސިވިލް ސާވިސް ކޮމިޝަނާއި ހެލްތު މިނިސްޓްރީއަށް ވެސް އަންގައިފައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ، މިނިސްޓްރީ އޮފް ހެލްތުގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރަންސްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފަހު ސެޕްޓެންބަރު 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ސީއެސްސީގެ އިދާރާއަށް ނުވަަތަ [email protected] އަށް އީމެއިލް ކުރުން އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

ސީއެސްސީން ބުނީ ސިއްހީ ހިދުމަތުގެ ފެންވަރު ބަލަން ޖެހޭ ކޮމިޝަނަރަށް އައްޔަނުކުރާ ފަރާތަކަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 13،890 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ސާވިސް އެލަވަންސުގެ ގޮތުގައި މަހަކު 2،000 ރުފިޔާ ލިބޭ އިރު، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު 3889/20 ރުފިޔާ (އަސާސީ މުސާރައިގެ %28) އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު 4861/50 ރުފިޔާ (އަސާސީ މުސާރައިގެ %35) ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތާއި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝްގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

  • ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.
  • ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި ސިއްހީ ހިދުމަތްދޭ ތަންތާނގެ މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، އަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކޮށް އިސްލާހުކުރުން.
  • ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަނީ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުން.
  • ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބިދޭންޖެހޭ އަދި ފޯރުކޮށްދޭ ހިދުމަތްތައް ދެމުންގެންދަނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން.
  • ސިއްހީ ހިދުމަތްދޭ ތަންތަނުގެ ފަންނީ މުވައްޒަފުން މަސައްކަތްކުރަނީ ގަވައިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން.
  • ސިއްހީ ހިދުމަތްދޭ ތަންތަނަށް އިންސްޕެކްޓަރުން ފޮނުވައި، އެތަންތަން ބަލައި ފާސްކޮށް، އިސްލާހުކުރަންޖެހޭ ކަންކަން ހުރިނަމަ އެކަންކަން އިސްލާހުކުރުމަށް އެފަރާތްތަކަށް އަންގައި، ކޮމިޝަނަރު އަންގާ އެންގުންތަކަށް އަމަލުނުކޮށްފިނަމަ، ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ސިއްހީ ހިދުމަތް ދިނުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހުގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން.
  • ސިއްހީ ހިދުމަތްދޭ ތަނަކުން މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ، ނުވަތަ އެއިން ފަރާތެއްގެ އިހުމާލުން ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ކޮމިޝަނަރަށް ލިބިއްޖެނަމަ އެކަން ބަލައި ތަހުގީގުކޮށް ކަމާބެހޭ ބޯޑު ނުވަތަ ކައުންސިލަށާއި މިނިސްޓަރަށް ރިޕޯޓު ހުށަހެޅުން.
  • ސިއްހީ ހިދުމަތުގެ ގައުމީ އެކްރެޑިޓޭޝަން ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުން.
  • ސިއްހީ ހިދުމަތްތެރިން ނިސްބަތްވާ ކައުންސިލްތަކާ (މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް، އެލައިޑް ހެލްތު ކައުންސިލް، އަދި މި ނޫނަސް ގާނޫނުތަކުގެ ދަށުން އުފެދޭ ސިއްހީ ހިދުމަތްތަކާބެހޭ ކައުންސިލްތަކާ) ގުޅިގެން މަސައްކަތުގެ މާހައުލުގައި ސިއްހީ ހިދުމަތްތެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ރާއްޖޭގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ރާއްޖޭގެ ސިއްހީ އިދާރާތަކުން ދޫކުރާ ލިޔެކިޔުންތައް (މަސައްކަތުގެ ތަޖުރިބާގެ ލިޔުން އަދި އެހެނިހެން ލިޔުންތައް) ވެރިފައިކޮށްދިނުން.

ސީއެސްސީން ބުނީ، ސިއްހީ ހިދުމަތުގެ ފެންވަރު ބަލަން ޖެހޭ ކޮމިޝަނަރު ކަމަށް ކުރިމަތިލެވޭނީ މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާނަމަ ކަމަށެވެ. މަގާމުގެ މަސައްކަތުގެ ދާއިރާތަކުގެ ގޮތުގައި ބަލާނީ ކޮމިއުނިޓީ ހެލްތު ނުވަތަ ހެލްތުކެއާ ކޮލިޓީ މެނޭޖްމަންޓް ނުވަތަ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން ނުވަތަ ހެލްތުކެއާ މެނޭޖްމަންޓް ނުވަތަ މެޑިކަލް ސައިންސް ނުވަތަ މެޑިސިން ނުވަތަ ނާސިން ނުވަތަ ޕަބްލިކް ހެލްތެވެ.

މީގެ އިތުރުން ސީއެސްސީން ބުނީ އެ މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށާއި އެ މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ މިމަހުގެ 27 އާއި އަންނަ މަހުގެ 13 އާ ދެމެދު ކަމަށެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައި، މާލޭގައެވެ. އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނަނީ ސިވިލް ސަރވިސް ކޮމިޝަން (މަޖީދީމަގު، މާލެ 20040) ގައެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ 3307315 ނަންބަރު ފޯނާ ގުޅުން އެދޭ ކަމަށް ސީއެސްސީގެ އިއުލާނުގައި ބުނެފައިވެއެވެ.