ށ. ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހޯމް ކަރަންޓީން ފުރިހަމަކުރުމަށް ފަހު ނެގި ސާމްޕަލުން އިތުރު މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފީވަކުން މިއަދު މީހަކު ޕޮޒިޓިވް ވެފައިވާ އިރު، މި މަހުގެ އެއްވަނަ ދުވަހުވެސް ފީވަކުން ވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާ އިރު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 9173 އަށް ވަނީ އަރައިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 121 މީހެކެވެ.

މާލެ ސަރަހައްދު ފިޔަވައި ގދ. ހޯނޑެއްދޫ އަދި ނ. މަނަދޫން ވަނީ ކޮވިޑް ކޭސްތަކެއް ފެނިފައެވެ. އެގޮތުން ހޯނޑެއްދޫން މިހާތަނަށް 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެރަށަށް ބަލި ދިޔަގޮތް އަދިވެސް ސާފުވެފައެއް ނުވެއެވެ. އަދި މަނަދޫ ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ނަތީޖާ ނުލިބެނީސް ބޭރުގައި އުޅުނު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މި ކޭސްތަކާ ގުޅިގެން މަނަދޫ އާއި ހޯނޑެއްދޫ އަދި އެރަށާ ގުޅިފައިވާ މަޑަވެލި ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.

މީގެ އިތުރުން ހއ. އިހަވަންދޫގެ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތަށް މާލެއިން ދިޔަ ހަތް މީހަކު އިއްޔެ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.