ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ މަންމާފުޅު ނިޔާވެއްޖެ ކަމަށް މިއަދު ޓުވީޓު ކުރެއްވުނީ މައުލޫމާތުގެ ކުށަކުން ކަމަށާއި އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވަނީ މައިމޫނާގެ މަންމާފުޅު ނިޔާވި ކަމަށް ވިދާޅުވެ އާއިލާއަށް ތައުޒިޔާ ދަންނަވައިފައެވެ. ނަމަވެސް ފަހުން އެ ޓުވީޓު ވަނީ ޑިލީޓް ކުރައްވައިފައެވެ.

އެ ޓުވީޓު ޑިލީޓް ކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މައިމޫނާ ކޮންމެ ދުވަހަކު ކުރައްވާ ބުރަ މަސައްކަތް އެމަނިކުފާނުގެ ހިތްޕުޅަށް އަރާ ކަމަށާއި ހާއްސަކޮށް މި ދަނޑިވަޅުގައި މަންމާފުޅު ބަލިވުމުން ވާނެ ގޮތް އިހުސާސް ކުރެވޭ ކަމަށެވެ.

"ކޮންމެ ދުވަހަކު މައުމޫނާ އަބޫބަކުރު އެކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުގެ ހިތަށް އަރާ އަދި ހާއްސަކޮށް މަންމަ ބަލި ވުމުން ވާނެ ގޮތްވެސް އިހުސާސް ކުރެވޭ. އަޅުގަނޑަށް ނުރަނގަޅު މައުލޫމާތެއް ލިބުނީ. އެކަމަށް ނިހާޔަތަށް މައާފަށް އެދެން." ރައީސް ނަޝީދުގެ ޓުވީޓުގައިވެއެވެ.

މީގެ އިތުރުން އެ ޓުވީޓުގައި ރައީސް ނަޝީދު ވަނީ މައިމޫނާގެ މަންމާފުޅަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.