ޔޫތު މިނިސްޓްރީ އާއި ތ. ހިރިލަންދޫ ކައުންސިލް ގުޅިގެން އެރަށުގައި އެޅި ޕާކުގެ މަސައްކަތް ނިންމައި، ރަސްމީކޮށް އެ ޕާކު ހުޅުވައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ޕާކު ހުޅުވާފައިވަނީ އިއްޔެ ކަމަށެވެ. އަދި މި މަސައްކަތުގައި ރަށު ކައުންސިލާއި ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

ތ. ހިރިލަންދޫގައި އެޅި މި ކުޑަކުދިންގެ ޕާކަށް ދީފައިވާ ނަމަކީ "ހަނދޭކަލަ" އެވެ. އަދި ރަށުގައި މި ޕާކު ހުޅުވިގެން ދިއުމަކީ ރަށުގެ ކުޑަކުދިން އެތަކެއް ޒަމާނުއްސުރެ ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވެގެން ދިއުން ކަމަށް ރަށު ކައުންސިލުން ބުނެއެވެ.

ހިރިލަންދޫ ކައުންސިލުން ވަނީ މި ޕާކުގެ މަސައްކަތް ފުރިހަމަކަމާއެކު ނިންމާލުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

"ހަނދޭކަލަ" ހިރިލަންދޫ ކުޑަކުދިންގެ ޕާކަކީ ޒަމާނީ ފެންވަރަށް، ގިނަ ވަސީލަތްތަކަކާއެކު ތަރައްގީ ކޮށްފައިވާ ޕާކެކެވެ. މި ޕާކުގައި ފެން އަރުވާ ވަޑާމެއްގެ އިތުރުން، އެނބުރޭ އުނދޯއްޔަކާއި، އެހެނިހެން ތަކެތި ގާއިމުކޮށްފައިވެއެވެ.

އިތުރު 102 ރަށެއްގައި ޕާކު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.