އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް އަތުން ފަސޭހަކަމާއެކު އާސެނަލް މޮޅުވި އިރު، 16 އަހަރަށްފަހު ޕްރިމިއާ ލީގުގައި ވާދަކުރާ ލީޑްސް ޔުނައިޓެޑް އަތުން ހަނި ތަފާތަކުން ޗެމްޕިއަން ލިވަޕޫލް މޮޅުވެއްޖެއެވެ.
ރޭ ކުޅުނު މިސީޒަނުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ފުލަމް އަތުން އާސެނަލް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗު ކުޅުނީ ފުލަމްގެ ދަނޑުގައެވެ.
އެ މެޗުގެ އަށްވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ވިލިއަން ފޮނުވާލި ހަމަލާއެއް ފުލަމްގެ ކީޕަރު މަރެކް ރޮޑަކް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސެންޑްރޭ ލަކަޒޭޓްއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލުމަށް ވެސް އާސެނަލަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ވިލިއަން ފޮނުވާލި ހިލޭ ޖެހުމަށް ފުލަމްގެ ގޯލުގެ އަރިމަތީ ދަނޑިއަކަށް އަމާޒުވި އިރު، އޭގެ ދިހަ މިނެޓު ފަހުން އާސެނަލްގެ ކެޕްޓަން ޕިއެރޭ އެމެރިކް އޮބަމަޔާން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ފުލަމްގެ ކީޕަރު ރޮޑަކްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުގެ ތެރޭ އާސެނަލުން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ވިލިއަން ނަގައިދިން ކޯނަރަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއަލް މަގަލްހައޭސްއެވެ. މިސީޒަނުގައި އާސެނަލާ ގުޅުނު ބްރެޒިލް ޑިފެންޑަރު ގެބްރިއަލްގެ އެ ލަނޑަކީ އެޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގެ 57 ވަނަ މިނެޓުގައި އާސެނަލުން ވަނީ ތިން ލަނޑުގެ ލީޑެއް ހޯދައިފައެވެ. ވިލިއަން ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އޮބަމަޔާންއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޮބަމަޔާން ފޮނުވާލި ހަމަލާ އަމާޒުވީ ފުލަމްގެ ގޯލުގެ މަތީ ކަނަކަށެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 4-3ގެ ނަތީޖާއަކުން ލީޑްސް ބަލިކޮށްފައެވެ.
އެ މެޗު ފެށިތާ ހަތަރު މިނެޓު ތެރޭ ލިވަޕޫލުން ލީޑު ހޯދީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެޓީމުގެ މިސްރު ފޯވަޑް މުހައްމަދު ސަލާހެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ލިބުނީ ސަލާހު ފޮނުވާލި ހަމަލާއެއް ލީޑްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ރޮބިން ކޮޗްގެ އަތުގައި ބޯޅަ ޖެހުމުންނެވެ.
މެޗުގެ 12 ވަނަ މިނެޓުގައި ކެލްވިން ފިލިޕްސް ދިން ބޯޅައަކުން ލީޑްސްއަށް ޖެކް ހެރިސަން ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، މެޗުގެ 20 ވަނަ މިނެޓުގައި އެންޑްރޫ ރޮބާޓްސަން ދިން ބޯޅައަކުން ވާޖިލް ވެން ޑައިކް ވަނީ ލިވަޕޫލަށް އަލުން ލީޑު ހޯދައިދީފައެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ލީޑްސްއަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ ޕެޓްރިކް ބެމްފޯޑްއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން މުހައްމަދު ސަލާހު ވަނީ އަނެއްކާވެސް ލިވަޕޫލަށް ލީޑު ހޯދައިދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-2ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ތިންވަނަ ފަހަރަށް ލީޑްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ހެލްޑާ ކޮސްޓާ ދިން ބޯޅައަކުން ލީޑްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މަޓެއުޒް ކިލިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ލިވަޕޫލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނީ ސަލާހެވެ. އެ ލަނޑާއެކު ސަލާހުގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ. ލިވަޕޫލަށް އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ފަބީނިއޯއަށް ލީޑްސްގެ ރޮޑްރިގޯ ކުރި ފައުލަކާ ގުޅިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު