ހއ. އިހަވަންދޫގެ ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތަށް މާލެއިން ދިޔަ ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެރަށަށް މަސައްކަތަށް ދިޔަ ހަތް މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ހަ ބިދޭސީންނާއި ދިވެއްސެއް ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެމީހުން ތިބީ ވަކި އިމާރާތެއްގައި ކަމަށާއި އެހެންކަމުން އެމީހުންނާ އެއްވެސް މީހަކު ކޮންޓެކްޓްވެފައި ނުވާ ކަމަށެވެ.

އެމީހުން މާލެއިން އިހަވަންދުއަށް ގެންގޮސްފައިވަނީ އެރަށު ސްކޫލުގައި ކުރިއަށްދާ އިމާރާތެއްގެ މަސައްކަތްކުރުމަށެވެ.

އިހަވަންދޫން ބަޔަކު ޕޮޒިޓިވްވެފައިވާ އިރު، ގދ. ހޯނޑެއްދޫ އަދި ނ. މަނަދޫން ވަނީ ކޮވިޑް ކޭސްތަކެއް ފެނިފައެވެ. އެގޮތުން ހޯނޑެއްދޫން މިހާތަނަށް 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެރަށަށް ބަލި ދިޔަގޮތް އަދިވެސް ސާފުވެފައެއް ނުވެއެވެ. އަދި މަނަދޫ ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ނަތީޖާ ނުލިބެނީސް ބޭރުގައި އުޅުނު މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މި ކޭސްތަކާ ގުޅިގެން މަނަދޫ އާއި ހޯނޑެއްދޫ އަދި އެރަށާ ގުޅިފައިވާ މަޑަވެލި ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ.

މި ހަފުތާގައި ކޮވިޑް ކޭސްތައް މަދު ނަމަވެސް، ފަހަކަށް އައިސް ހޯމް ކަރަންޓީނަށް ރަށްރަށަށްދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.