ޒުވާނުން އިސްނަގައިގެން މިއަދު މާލޭގައި ކުރިއަށްގެންދިޔަ ސައިކަލް ބުރުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ ހިލާފުވީ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުތައް ބެހެއްޓި ގޮތުން ކަމަށާއި އެ ހަރަކާތުން ހައްޔަރުކުރި އެންމެން އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

މާލޭގައި މިއަދު ބޭއްވި ސައިކަލް ބުރުގައި ބައިވެރިވި 41 މީހަކު ހައްޔަރުކޮށް، ބައެއް ސައިކަލްތައް ފުލުހުން ވަނީ ޓޯ ކޮށްފައެވެ. އަދި ސައިކަލު ބުރު ރޫޅާލުމަށް ފުލުހުން ޕޭޕާ ސްޕްރޭވެސް ބޭނުންކޮށްފައިވެއެވެ.

އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޒުވާނުން އިސްނަގައިގެން މިއަދު މާލޭގައި އިންތިޒާމު ކުރި ސުލްހަވެރި ސައިކަލް ބުރުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މި ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޒުވާނުން ރާވާ އިންތިޒާމުކުރި ހަރަކާތެއް ކަމަށްވެފައި ޒުވާނުން ވަރަށް ސުލްޙަވެރިކަމާއެކު ތިއްބައި ފުލުހުން އައިސް އެމީހުން ހައްޔަރުކުރުމަށް އަމަލުތައް ބެހެއްޓި ގޮތުން މި މިންގަނޑުތަކާ ހިލާފުވެފައިވާތީ ކަންބޮޑުވަމެވެ. ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވާތީ އެއްވެސް ޝަރުތަކާ ނުލައި އެމީހުން ދޫކޮށްލުމަށް ވެސް ގޮވާލަން،" އިދިކޮޅުން ބުންޏެވެ.

ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހުތިޖާޖުތައް ނުހުއްޓުވުމަށާއި ގާނޫނުއަސާސީން ލިބިދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

މިއަދު ޒުވާނުން ސައިކަލް ބުރު ބާއްވާފައިވަނީ ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްނުވުމަށް އެޗްޕީއޭ އިން އަންގާފައިވާ އެންގުމާ ހިލާފަށް އެއްވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިންޒާރުދީފައިވަނިކޮށެވެ.

މިއަދުގެ ސައިކަލް ބުރަކީ "ގައުމު ވިއްކާލުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ބާއްވާ ސައިކަލް ބުރެއް ނޫން ކަމަށް އެ ޕާޓީތަކުން ބުނެފައިވީ ނަމަވެސް މި ސައިކަލް ބުރަކީ ދެ ޕާޓީއަށް ތާއީދުކުރާ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސައިކަލު ބުރެކެވެ. އަދި އެ ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ މިއަދުގެ ސައިކަލް ބުރުގައި ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަދި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހިމެނިވަޑައިގަންނަވައެވެ.

މިއަދުގެ ސައިކަލް ބުރުގެ ތެރެއިން ބައެއް ޒުވާނުން ހައްޔަރުކޮށްފައިވަނީ ސޯސަންމަގު ކައިރިންނެވެ. އަދި ބައެއް މީހުން ހީނާމާގެ ކައިރިންވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކިންގް ސަލްމާން މިސްކިތް ކައިރިންވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މިއަދު އެއްވުން ރޫޅައިލަން ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ޖަހައިފައެވެ. ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައިވަނީ ހީނާމާގެ ޕާކިން ސަރަހައްދުންނެވެ.