ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރަނީ އުސޫލާ ހިލާފަށް ކަމަށްބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަނީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށް އެ ކޮމިޝަނުން ކުރާ މަސައްކަތާ ބެހޭގޮތުން އާންމުންނަށް ކަން ހިނގާގޮތް އޮޅުވާލުމަށް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ކުރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެން އެކޯޓުގެ ހިންގުން ޖޭއެސްސީން ވަނީ ގާޒީ އާދަމް މުހައްމަދާ ހަވާލުކޮށްފައެވެ.
އެކަން ފާހަގަކޮށް، ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެފައިވަނީ ޖޭއެސްސީން އެކަން ކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހައިކޯޓުގެ އިސް ފަނޑިޔާރުކަން ހަމަޖެއްސުމާއި، ސުޕީރިއާ ކޯޓުތަކާއި، ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުން ހަމަޖެއްސުމަކީ ޖޭއެސްސީގެ ގާނޫނާއި، ކޯޓުތަކުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އެ ކޮމިޝަންގެ ޒިންމާއެއް ކަމަށެވެ.
"ކޯޓެއްގެ އިސް ފަނޑިޔާރަކު ވަޒިފާއާބެހޭ ގާނޫނުގައި ބަޔާންކުރާ ޗުއްޓީގައި ހުރެއްޖެނަމަ، ނުވަތަ ދާއިމީ މަސައްކަތަކަށް ވީއްލާފައި ހުރެއްޖެނަމަ ނުވަތަ ހައްޖު، އުމުރާ ނުވަތަ އެނޫންވެސް ޗުއްޓީއެއްގައި ހުރެއްޖެނަމަ ނުވަތަ އިސްފަނޑިޔާރު ސަލާމުގައި ހުރެއްޖެނަމަ، އެ ކޯޓެއް ވަގުތީގޮތުން ހިންގުން ހަވާލު ކުރަންވާނީ އެ ކޯޓެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެތަނެއްގައި ހިދުމަތުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރުންގެ ތަރުތީބުން ކަމަށް، ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލު ކުރުމުގައި އަމަލުކުރާނެ އުސޫލުގައި ބަޔާންކޮށްފައިވޭ. އަދި ކޯޓިގެ އިސް ފަނޑިޔާރަކު ސަސްޕެންޑް ކުރެވޭ ހާލަތުގައި އެ ތަރުތީބަށް އަމަލުކުރުން އެ އުސޫލު އިސްތިސްނާކޮށްފައިވާކަން ފާހަގަކުރަން," ޖޭއެސްސީން ބުނެފައިވެއެވެ.
ހައިލަމް ވިދާޅުވެފައިވަނީ، ގާޒީ އާދަމް މުހައްމަދަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުންނެވި އެންމެ ގާބިލު ގާޒީ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ޖޭއެސްސީން އެކަން ކޮށްފައިވަނީ ޖޭއެސްސީން ގެޒެޓްކޮށްފައިވާ އުސޫލާ ހިލާފަށް ކަމަށެވެ. އެއީ ގާޒީ އާދަމް މުހައްމަދަކީ އެ ކޯޓުގައި ހުންނެވި އެންމެ ގިނަދުވަސްވީ ފަނޑިޔާރަށް ނުވުމުންނެވެ.
ޖޭއެސްސީން ބުނީ، ވަގުތީގޮތުން ކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ހަވާލު ކުރަމުން ދަނީ ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވަނަވަރާއި ރެކޯޑް ފައިލުގައި ހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހުގައި، އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތައުލީމާއި، ތަޖުރިބާއާއި، އަހުލާގާއި، ގާބިލުކަމަށް ބަލައި އިސްފަނޑިޔާރުކަމަށް އެންމެ އެކަށޭނަ ފަރާތެއް ޖޭއެސްސީގެ އަގުލަބިއްޔަތުން ކަނޑައަޅައިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު