ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކ. މާފުށީގައި ލޯކަލް ޓޫރިޒަމް އަލުން ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަމުގެ ތެރެއިން އެރަށުގައި ފްލޫ ކުލިނިކެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15 ގައެވެ. އެއާއެކު ޓޫރިސްޓް ރިސޯޓްތަކާއި ސަފާރީ ބޯޓުތައް އޮޕަރޭޓް ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ނަމަވެސް ގެސްޓުހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވަނީ އަންނަ މަހުގެ 15 ގައެވެ. އެ ތާރީހުގައި މާލެ ސަރަހައްދުގައި ގެސްޓްހައުސްތައް ހުޅުވަން ހުއްދައެއް ނުދޭނެއެވެ.

މާފުށީ ކައުންސިލުގެ ރައީސް އުސްމާން ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ މަހުގެ 15 ގައި ގެސްޓުހައުސްތައް ހުޅުވަން ނިންމާފައިވާތީ، އެ ތާރީހަށް މާފުށީގައި ވެސް ލޯކަލް ޓޫރިޒަމް އަލުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ހިމެނޭ ފްލޫ ކުލިނިކު ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

އުސްމާން ވިދާޅުވިގޮތުގައި މާފުށީ ހެލްތު ސެންޓަރުގެ ގޯތި ތެރޭގައި ހަދާ ފްލޫ ކުލިނިކު ހަދަނީ ރަށު ކައުންސިލާއި ވިޔަފާރިވެރިންގެ ހަރަދުގައެވެ. ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ ހަރަދުކޮށްގެން ހަދާ ކުލިނިކުގެ މަސައްކަތް މަސް ދުވަސް ތެރޭގައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލޯކަލް ޓޫރިޒަމަށް ރަށް ހުޅުވާލާއިރު އެކަމާބެހޭ ޓާސްކު ފޯހަކާއި ކަރަންޓީން ފެސިލިޓީއެއްގެ އިތުރުން ފްލޫ ކުލިނިކެއް ހުންނަންޖެހެއެވެ.