ރާއްޖެ އާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ދެ ގައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވާކެއް އެކުލަވާލައިފިއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، އެމެރިކާގައި މިއަދު ބޭއްވި ރައްމިއްޔާތެއްގައި "ފަރޭމްވާކް ފޯ ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް - މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް" ގެ ނަމުގައި އެކުލަވައިލި މި ފްރޭމްވާކާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އެސިސްޑެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތުއީސްޓް އޭޝިއާ، ރީޑް ވާނަ އެވެ.
މި ފްރޭމްވާކުގެ ސަބަބުން ދިފާއީ އަދި ސަލާމަތީ ކަންކަމުގައި، ދެގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
އިންޑޯ ޕެސިފިކު ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ރައްކާތެރިކަން ދެމެހެއްޓުމަކީ، ދެގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާ އިރު، ކޮވިޑްގެ މި ހާލަތުގައި ވެސް ކަނޑު ފޭރުމާއި، ނިރުބަވެރިކަމާއި، ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެހެންކަމުން ބައިނަލްއަގުވާމީ ގޮތުންނާއި، ސަރަހައްދީ ގޮތުން ރާއްޖެ ފަދަ، ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެގައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާކޮށްގެން ކުރިއަށްދިއުމުގެ މުހިއްމުކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި ފްރޭމްވާކްގެ ދަށުން އެގައުމުގެ ދިފާއީ ވުޒާރާ ގުޅިގެން އިތުރު ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، މިނިސްޓަރު މާރިޔާ އަމިއްލަ ދަތުރުފުޅެއްގައި މިހާރު ވަޑައިގެން ހުންނެވީ އެމެރިކާގައި ކަމަށެވެ. މިނިސްޓަރުގެ ދަތުރުފުޅަށް ސަރުކާރުން އެއްވެސް ހަރަދެއް ކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު