އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށަން ޝެޑިއުލްކޮށް މިމަހުގެ 26 ވަނަ ދުވަހު ފުރަތަމަ ބޯޓު ރާއްޖެ ބަނދަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމުގެ އެމްއޯޔޫގައި އެއްބަސްވެފައިވަނީ ކޮޗިން އާއި ކުޅުދުއްފުށި ސިޓީއާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމުކުރުމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާސްގެ ޖޮއިންޓް ސެކްރެޓަރީ އަމިތް ނަރަންގްއާ ހަވާލާދީ އެގައުމުގެ ދަ ހިންދޫ ނޫހުގައި ބުނީ، އިންޑިއާ-ރާއްޖެ ފެރީ ހިދުމަތުގެ ދަށުން ރާއްޖެ އަންނަ ފުރަތަމަ ފެރީ މިމަހުގެ 20 ވަނަ ދުވަހު ތޫތުކުޅިން ފުރާނެ ކަމަށެވެ. އަދި އޭގެ ދެ ދުވަސް ފަހުން ކޮޗިން ބަނދަރަށް ކައިރި ކުރުމަށްފަހު ރާއްޖެއަށް ދަތުރު ފަށަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މި ހިދުމަތުގެ ދަށުން އަންނަ ފުރަތަމަ ކާގޯ ފެރީ ރާއްޖެ ބަނދަރު ކުރާނީ މިމަހުގެ 26 ވަނަ ދުވަހު ކަމަށާއި އަދި އެނބުރި ކޮޗިން އަށް ފުރާނީ އޮކްޓޯބަރު 1 ގަ އެވެ. އަދި ކޮންމެ މަހަކު މިފަދަ ދެ ތިން ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށް ދަ ހިންދޫ ނޫހުގައި ބުނެފައިވެ އެވެ.

ކާގޯ ފެރީ ހިދުމަތާއި ގުޅޭގޮތުން ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ ސީއެމްޑީ އެޗްކޭ ޖޯޝީ ވިދާޅުވީ، އެ ދަތުރުތަކަށް ބޭނުން ކުރާނީ ކޮންޓެއިނާ ކަމް ބަލްކު ބޯޓެއް ކަމަށެވެ. އަދި އޭގައި އެލެކްޓްރިކް ސާމާނާއި ފަރުނީޗަރާއި ބޭހާއި ޕެރިޝަބަލް މުދާ އުފުލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނާ ގޮތުގައި، ކޮޗިން އިން އަންނަ ބޯޓު ފުރަތަމަ ކައިރި ކުރާނީ ކުޅުދުއްފުއްޓަށެވެ. އެރަށު ބަނދަރަށް މުދާ ބޭލުމަށްފަހު މާލެ ބަނދަރަށް ވެސް ބޯޓު ކައިރިކުރާނެ އެވެ. ނަމަވެސް ކާގޯ ފެރީގެ ގޮތުގައި ބޭނުން ކުރާނީ ބޮޑެތި ފެރީތައް ކަމުން އެ ފެރީތައް ކުޅުދުއްފުށީ ބަނދަރަށް ނުވެއްދޭނެތީ ލޯކަލް އެޖެންޓު ސްޓޭޓް ޝިޕިން ކޮމްޕެނީން ނިންމާފައިވަނީ މުދާ އަރުވާ ބޭލުމުގައި ޓަގުބޯޓާއި ބާޖު ބޭނުން ކުރަން ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލް ކަމަށްވުމާއެކު މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ.