ކޮވިޑް ކޭސްތައް އިތުރުވެ ޖަކާޓާ އަނެއްކާވެސް ލޮކްޑައުން ކުރަން ނިންމައިފިއެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ގަވަރުނަރު އަނީސް ބަސްވެޑަން ކުއްލި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ އެސިޓީގެ ސިއްހީ ފަރުވާ ދޭ ތަންތަން ބޮއްސުންލާފައިވާ ކަމަށާއި މިހާލަތުގައި ލޮކްޑައުން ކުރުން ނޫންގޮތެއް ނެތް ކަމަށެވެ. ގަވަރުނަރު ވަނީ ޖަކާޓާގެ 11 މިލިއަން މީހުން ގެއިން ނުނިކުތުމަށާއި އެހެން ގޮތެއް ނެތިގެން ނޫނީ ޖަކާޓާއިންވެސް ނުނިކުތުމަށް އެދިވަޑައިގެންފައެވެ.
ޖަކާޓާގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންދާއިރު އެސިޓީގެ ހާލަތު މިމަހުގެ 17 އާއި ހަމައަށް ދަށް ނުވާނަމަ ހުރިހާ އައިސޮލޭޝަން ފެސިލިޓީތައް ފުރި ހާލަތު އިތުރަށް ގޯސްވާނެކަމަށް ގަވަރުނަރު ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.
ގަވަރުނަރު އިތުރަށް ވިދާޅުވީ މިހާރު ފެތުރެމުންދާ ނިސްބަތުގައި ބަލި ފެތުރެމުންދާ ނަމަ އައިސޮލޭޝަން ވަސީލަތްތައް އިތުރުކުރި ނަމަވެސް ހާލަތު ކޮންޓްރޯލު ނުކުރެވޭނެ ކަމަށެވެ.
އަންނަ ހަފްތާގެ ހޯމައިން ފެށިގެން ޖަކާޓާ ލޮކްޑައުން ކުރުމަށް ނިންމާފައިވާއިރު ލޮކްޑައުން އާއި ހިލާފުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމައިފައެވެ.
އިންޑޮނޭޝިއާއިން މިހާތަނަށް ދެލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑް ކޮށްފައި ވެއެވެ. ޖަކާޓާއިން އެކަނިވެސް 48 ހާހަށް ވުރެން ގިނަ ކޮވިޑް ކޭސް ވަނީ ފެނިފައެވެ. އެސިޓީން 1317 މީހުން މިބަލީގައި މަރުވެފައި ވެއެވެ.
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ
އިންޑޮނޭޝިއާ