މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ހިންގާ ގަވައިދަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް އާންމު މެންބަރުންނާއި ނޫސްވެރިންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޖޭއޭގެ ހިންގާ ގަވައިދު އިސްލާހުކޮށް، ބަދަލުތަކެއް ގެނައުމަށް މެންބަރުންނާއި ނޫސްވެރިންގެ ހިޔާލު ހޯދުމަށް ހުޅުވާލުމަށް ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ޖަމިއްޔާގެ އާ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.

އެމްޖޭއޭ އިން އެ ޖަމިއްޔާގެ ހިންގާ ގަވައިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއެވެ. ހިންގާ ގަވައިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނުވަވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެމްޖޭއޭ އިން ބުނެއެވެ.

އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާގެ ހިންގާ ގަވައިދަށް ގެންނަން ބޭނުންވާ އިސްލާހުތައް ބަޔާންކޮށް، އެކަން އެ ޖަމިއްޔާއަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. ހިންގާ ގަވައިދަށް ހިޔާލުތައް ފޮނުވަން ޖެހެނީ އެމްޖޭއޭގެ ރަސްމީ އީމެއިލް، [email protected] އީމެއިލް ކޮށްގެން ނުވަތަ އެ ޖަމިއްޔާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކަށް މެސެޖުކޮށްގެންނެވެ.

  • ފޭސްބުކް: https://facebook.com/maldivesmja
  • ޓުވިޓާ: https://twitter.com/mjamaldives
  • އިންސްޓަގްރާމް: https://instagram.com/mjamaldives

ނޫސްވެރިކަމާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މީގެ 11 އަހަރު ކުރިން އެމްޖޭއޭ އުފަންވި ނަމަވެސް، ނޫސްވެރިންގެ ހިތްހަމަނުޖެހުންތަކާ ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން އެމްޖޭއޭގެ ހިންގާ ކޮމިޓީއެއް އިންތިހާބު ކޮށްފައެއް ނުވެއެވެ.

އެމްޖޭއޭގެ ހިންގާ ގަވައިދަކީ މީގެ 11 އަހަރު ކުރިން އެ ޖަމިއްޔާ އުފެދުނު އިރު، އެކުލަވާލާފައިވާ ހިންގާ ގަވައިދެކެވެ. އެ ގަވައިދުގައިވާ ގޮތުން އިންތިހާބުކުރާ ހަ މެންބަރުންގެ އިތުރުން ޖަމިއްޔާގެ ތިން ފައުންޑަރުން ވެސް ހިންގާ ކޮމިޓީގައި ހިމެނޭނެއެވެ. އަދި އިންތިހާބީ މަގާމުތަކުގެ ދައުރަކީ ދެ އަހަރު ކަމަށް ހިންގާ ގަވައިދުގައި ބުނެއެވެ.

އެމްޖޭއޭގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ޖަމިއްޔާގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައެވެ. މީޑިއާތަކުގައި މަސައްކަތްކުރާ 130 ނޫސްވެރިންނާއެކު ޒޫމް މެދުވެރިކޮށް ބޭއްވި ޖަލްސާގައި ހިންގާ ކޮމެޓީގެ ހަ މަގާމަށް 12 ނޫސްވެރިޔަކު ވާދަކުރިއެވެ. މަގާމުތަކަށް ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިޔައީ ޓެލެގުރާމް މެދުވެރިކޮށެވެ.

އެ އިންތިހާބުގައި އެމްޖޭއޭގެ ހިންގާ ކޮމިޓީގެ ރައީސަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ކުރީގެ މެންބަރު އަދި "މިހާރު"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ހަމްދޫން އިންތިހާބުކުރި އިރު، ނައިބު ރައީސަކަށް އިންތިހާބުކޮށްފައިވަނީ އެމްއެމްސީގެ މެންބަރު އަދި "ވަން އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަލީ ރިފްޝާނެވެ. ހިންގާ ސެކްރެޓަރީއަކަށް އިންތިހާބުކޮށްފައިވަނީ "ސަން އޮންލައިން"ގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފެވެ. ބަޖެޓު ސެކްރެޓަރީއަކަށް "ޖަޒީރާ އޮންލައިން"ގެ ނާޒިމް ހަސަން އިންތިހާބުކުރި އިރު، އާންމު މެމްބަރުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ ފްރީލާންސް ޖާނަލިސްޓް މުހައްމަދު ޖުނައިދު އަދި "ސީއެންއެމް"ގެ ނޫސްވެރިޔާ ފާތިމަތު ސާޔާ އަހުމަދެވެ.