"އަދަދު" ނޫހުން ތައްޔާރު ކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން، އެއާ ބެހޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް ކުރިމިނަލް ކޯޓުން ނެރުނު "ގޭގް އަމުރު" ބާތިލް ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ، ކުރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ކޮން މާއްދާއެއްގެ ދަށުން އެނގެން ނެތް ކަމަށެވެ. އެހެންކަމުން އެ އަމުރަކީ ގާނޫނުއާސާސީގެ 42 ވަނަ މާއްދާ އަދި 56 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ. އަދި އެ އަމުރަކީ ސުޕްރީމް ކޯޓުގެ އަހުމަދު އިސްމާއިލް ވ. ލަތީފާ އަލީ ހަސަން ގަޒިއްޔާއާ ހިލާފަށް ނެރެފައިވާ އަމުރެއްކަން އެމްޖޭއޭއިން ފާހަގަ ކުރިއެވެ.

ކުރިމިނަލް ކޯޓުގެ އަމުރަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ނެރެފައިވާ އަމުރެއް ކަމަށްވާ އިރު، އެ އަމުރު ނެރޭ ވަގުތުން ފެށިގެން، އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކާ ރައްޔިތުން ކޯޓުގެ ހުރުމަތް ކަނޑާލުމުގެ އަމަލެއް ކުރީ ކަމަށް ބެލެވޭނެ ކަމަށް އަމުރުގައި ބުނެފައިވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ. ނަމަވެސް އެއީ ގާނޫނުއަސާސީގެ 44 ވަނަ މާއްދާއާ ހިލާފު ނިންމުމެއްގެ އިތުރުން، އެ އަމުރަކީ އަމުރުގައި އޮތް އެއްޗެއް ބަޔާންކޮށްދިނުމުގެ ނުވަތަ އެގިގަތުމުގެ ހައްގުވެސް ނުލިބޭގޮތަށް ނެރެފައިވާ އަމުރެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.

އެގޮތަށް ފުޅާދާއިރާއެއްގައި އަމުރެއް ނެރުމުގެ ބާރު ކޯޓަށް ލިބިދޭ ގޮތަށް އަސާސީ ހައްގުތައް ހަނިކޮށް ހިފަހައްޓަން ގާނޫނުއަސާސީގެ 16 ވަނަ މާއްދާ، 68 ވަނަ މާއްދާ އަދި 69 ވަނަ މާއްދާ އެއްގޮތްވާ ގޮތުގެ މަތިން ފާސްކޮށްފައިވާ ގާނޫނެއް ނެތް ކަމަށް އެމްޖޭއޭއިން ބުންޏެވެ. އެހެންކަމުން ކުރިމިނަލް ކޯޓުގެ އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.

ކުރިމިނަލް ކޯޓުގެ އަމުރަކީ ޕްރޮސިކިއުޓާ ޖެނެރަލް ގަބޫލު ކުރައްވާ އަމުރަކަށް ނުވުމުން، އެފަދަ މައްސަލަތަކުގައި މީގެ ކުރިން ދައުލަތުން ވަކި ސްޓޭންޑެއް ނަގައިގެން، ކޯޓުތަކުގައި ވަކާލާތުކޮށްފައިވާ މައްސަލައެއް ކަމަށްވާ އިރު، އެ އަމުރަކީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގައި ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތު ހިލާފު އަމުރެއް ކަމަށް އެމްޖޭއޭއިން ބުންޏެވެ.

މިމަހުގެ 11 ވަނަ ދުވަހު އެމްޖޭއޭއިން ހައިކޯޓަށް ހުށަހެޅި މި މައްސަލަ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލާފައިވާ އިރު، މި މައްސަަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝީދާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ޖިނާއީ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓަކުން ކުރާ ހުކުމްތަކާއި ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރިން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހުށަހެޅިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު ލިބިގެން ވަނީ ހުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލަައިގައި ހިމެނޭ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް އެ ނިންމުމުގައިވެއެވެ.

ރަޖިސްޓްރާ ވިދާޅުވެފައި ވަނީ އެމްޖޭއޭއިން ހުށަހަޅާފައިވާ އިސްތިއުނާފު ފޯމާއި އެ ފޯމާއެކު ހުށަހަޅާފައިވާ ލިއުންތަކަަށް ބަލާ އިރު، އިސްތިއުނާފަށް ހުށަހަޅާފައިވާ ކުރިމިނަލް ކޯޓުގެ އަމުރަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތ. ވިލިފުށީ އަތަމާގެ ހުސެއިން ފިޔާޒު މޫސާ އާއި މ. ރަބަރުމާގެ ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލް އުގޫބާރުގެ ދަށުން ގަޒުފު ކުރުމުގެ ކުށުގެ ދައުވާ ކުރުމުން، ކްރިމިނަލް ކޯޓުން ބަލަމުންދާ ގަޒިއްޔާގައި އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކޮށްފައިވާ އަމުރެއް ކަމަށެވެ. އަދި އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި އެމްޖޭއޭ ހިމެނޭކަން ހުށަހަޅާފައިވާ ލިޔެ ކިއުންތަކުން އެނގެން ނެތް ކަމަށް ވެސް ހައިކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމުގައި ރަޖިސްޓްރާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ އެމްޖޭއޭއަކީ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތެއް ކަމަށް ނުވާތީ، އެ އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު އެ ފަރާތަށް ލިބިގެން ނުވާ ކަމަށް ބަލައި، އެމްޖޭއޭއިން ހުށަހަޅާފައިވާ މި މައްސަލަ މިކޯޓަށް ބަލައިގަނެވެން ނެތްކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ވިދާޅުވެފައިވެއެވެ.