ރާއްޖޭގައި މިހާރު ހުރީ 45،000 ޕީސީއާރު ޓެސްޓް ކިޓް އަދި ޖީން އެކްސްޕާޓް މެޝިނަށް ލައްވާ 11،000 ކާޓްރިޖް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ދުވާލެއްގެ މައްޗަށް 1،700 ޓެސްޓުގެ ނަތީޖާ ލިބޭނެ ކެޕޭސިޓީ ރާއްޖޭގައި މިހާރު އެބަހުރި ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ރާއްޖޭގައި ސްޓޮކް ކުރެވިފައި ހުރި ޕީސީއާރު ޓެސްޓް ކިޓުގެ އަދަދަކީ 45،000 ކަމަށެވެ.
"މިވަގުތު އަޅުގަނޑުމެންގެ ސްޓޮކްގައި އެބަހުރި 45،000 ޕީސީއާރު ކިޓް ނުވަތަ ރިއެކްޝަންސް، އަދި ޖީން އެކްސްޕާޓް މެޝިން ބޭނުންކޮށްގެން ޓެސްޓު ކުރެވޭ 11،000 ކާޓްރިޖް. މި ހަފުތާގައި ވެސް އަޅުގަނޑުމެންނަށް ވަނީ ޖީން އެކްސްޕާޓް ކާޓްރިޖް ޝިޕްމެންޓެއް ލިބިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި މިހާރު ކޮވިޑަށް ޓެސްޓު ކުރެވޭނެ ވަސީލަތްތައް އެބަހުރި ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ރާއްޖެއަށް ހަދިޔާކުރު ޖީން އެކްސްޕާޓް މެޝިންތައްވެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށެވެ. އެގޮތުން އެ މެޝިންތައް އިންސްޓޯލް ކުރަން ނިންމާފައިވަނީ ފުވައްމުލަކު ސިޓީ، ގއ. ވިލިނގިލި، ޅ. ނައިފަރު އަދި ށ. ފުނަދޫގައި ކަމަށް ވިދާޅުވިއެވެ.
ކޮވިޑް 19އަށް ޓެސްޓު ކުރުމަށް މިހާތަނަށް މުޅި ޖުމުލަ އެއް ލައްކައަށް ވުރެ ގިނަ ސާމްޕަލް ވަނީ ނަގައިފައެވެ.
ރާއްޖެއިން މިހާތަނަށް 8834 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، 6288 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. އަދި ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ 31 މީހުންނެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު