ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ ހަ މިސްކިތެއް ދާއިމީ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ހެރިޓޭޖް މިނިސްޓްރީން ފަށައިފި އެވެ.

2013 ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނުނު ރާއްޖޭގެ ހިރިގަލުގެ ހަ މިސްކިތްތަކަކީ؛

  • ހއ. އިހަވަންދޫ ހުކުރު މިސްކިތް
  • ރ. މީދޫ ހުކުރު މިސްކިތް
  • މާލޭ ހުކުރު މިސްކިތް
  • މާލޭ އީދު މިސްކިތް
  • އދ. ފެންފުށީ ހުކުރު މިސްކިތް އަދި
  • ލ. އިސްދޫ ބައު މިސްކިތެވެ.

ހެރިޓޭޖް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ހަ މިސްކިތް ދާއިމީ ލިސްޓުގައި ހިމެނުމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއާ 2022 ގައި ޔުނެސްކޯއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަސައްކަތް ކުރަމުން އަންނަނީ ވޯލްޑް މޮނިއުމަންޓްސް ފަންޑާއި ގުޅިގެން ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް 2008 ވަނަ އަހަރުން ފަށައިގެން އަންނަނީ ކުރަމުންނެވެ. އަދި 2008 ވަނަ އަހަރު މާލޭ ހުކުރު މިސްކިތް ވަނީ ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމެނިފައެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަން ހުރި ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ސަރުކާރުން ވަނީ ކޮށްފައެވެ. ރާއްޖޭގެ ހަ މިސްކިތެއް 2013 ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓްގައި ހިމެނިފައިވަނީ މި މަސައްކަތުންނެވެ.