އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ފެށުމަށް ތައްޔާރުވާ މި މަޝްރޫއަކީ ފަސް އަހަރު ދުވަހުގެ މަޝްރޫއެކެވެ.

މި މަޝްރޫއު އިފްތިތާހުކުރުމަށް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 7:45 ގައި މާފަންނު ޓްރެކް ސަރަހައްދުގައެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ބައިވެރިވާނެއެވެ.

ރައީސް އޮފީހުގައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމުގެ ވާހަކައަކީ ހަމައެކަނި ދަންނަވާލާ ވާހަކައެއް ނޫން ކަމަށާއި އެއީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ކުރިއަށްގެންދަން ބޭނުންފުޅުވާ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއާ ގުޅޭގޮތުން މިހާރު ޖަމިއްޔާ ޖަމާއަތްތަކާ މަޝްވަރާކުރެވިފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޕޭޕަރެއް ގޮތުގައި ހުށަހަޅައި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށްގެންދިޔައީމަ އެ މުޅި މަޝްރޫއުގެ ތެރެއިން އަޅުގަނޑުމެން މިވަނީ މިހާރު ޕްލޭނެއް ހެދި، ޓައިމްލައިން ހެދި، ބަޖެޓް ހެދި، ހުރިހާ ކަމެއް ވެސް ކުރެވިފައި. އެހެންވީމަ، މަޝްރޫއު ފެށުމަށް މިހާރު މިއޮތީ ކެބިނެޓުގައި އެޕްރޫވަލް ލިބިފަ، ފާސްކުރެވިފަ. އެހެންވީމަ، ފަސް އަހަރު ދުވަހުގެ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު އިރާދަކުރެއްވިއްޔާ ދާދި އަވަހަށް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ އެކީގައި އަޅުގަނޑުމެން ފަށާނަން. ހުރިހާ ރަށެއްގަ ހިނގާނެ ކަމެއް މިއީ،" އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

މިދިޔަ މަހު ބޭއްވި އަހާ ފޯރަމްގެ އެޕިސޯޑެއްގައި ވާހަކަދައްކަވަމުން ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެފައިވާ ގޮތުގައި ކުރިއަށްއޮތް އަހަރުގެ ތެރޭގައި މި މަޝްރޫއުގެ އެންމެ މުހިންމު ސިފަތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އަށް ވުޒާރާއަކާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ހިމެނޭހެން ޖުމުލަ 9 އިދާރާ ބައިވެރިވާ ސްޓީއަރިން ކޮމިޓީއަކުން ކަމަށާއި މި މަޝްރޫއު ރޭވިފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ކުރިއަށްގެންދެވޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ވުޒާރާތަކާއި، މުއައްސަސާތަކާއި، ސްކޫލްތަކާއި، ބެލެނިވެރިންނާއި، ޓީޗަރުންގެ އިތުރުން މިނިވަން މުއައްސަސާތަކާއި ޖަމިއްޔާތައް ވެސް ޝާމިލުވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ފަންނީ ބޭފުޅުންގެ ހިޔާލާއި އިރުޝާދާއެކު ގިނަ މަސައްކަތްތަކެއް ކުރެވި، ވޯކްޝޮޕްތައް ބޭއްވި، ހާއްސަ މޮޑިއުލްތަކާއި ޕްރޮގްރާމްތައް ވަނީ އެކުލަވާލެވިފައި ކަމަށާއި ސަރުކާރުގެ އުންމީދަކީ މި މަޝްރޫއު ނުހުއްޓި، ވަރަށް ފުރިހަމަކަމާއެކު ކުރިއަށްއޮތް ދުވަސްތަކުގައި ކުރިއަށް ގެންދިއުން ކަމަށެވެ.

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" އެވެ. އިހުތިރާމް އަދާކުރުމުގެ ދުވަހެއް، ގައުމީ ފެންވަރުގައި "ގައުމީ އިހުތިރާމް އަދާކުރުމުގެ ދުވަސް" ގެ ގޮތުގައި އަހަރަކު އެއް ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މަޝްރޫއު އިފްތިތާހު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.