އަޖުމަބެލުމުގެ އެންމެ ފަހު މަރުހަލާ ކުރިއަށް ދަނިކޮށް، ވެކްސިން ދިން އެކަކު ބަލިވުމުން އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ތައްޔާރުކުރި ކޮވިޑް-19 ވެކްސިންގެ ކްލިނިކަލް ތަހުލީލުތައް މެދުކަނޑާލައިފި އެވެ.

އޮކްސްފޯޑް ޔުނިވަސިޓީ އާއި ބޭސް އުފެއްދުމުގެ މައި ކުންފުންޏެއް ކަމަށްވާ އަސްޓްރަޒެނެކާ ގުޅިގެން އުފައްދާ މި ވެކްސިނަކީ މުޅި ދުނިޔެ އޭގެ ނަތީޖާއަކަށް އިންތިޒާރު ކުރަމުން އަންނަ އަދި ކޮވިޑާ ދެކޮޅަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން އެންމެ ބޮޑު އިތުބާރެއް ލިބިފައިވާ ވެކްސިނެވެ.

އެގޮތުން މާކެޓަށް އެންމެ ފުރަތަމަ ނެރޭނެ ކަމަށް ބެލެވިފައި އޮތް މި ވެކްސިންގެ ކްލިނިކަލް ތަޖްރިބާގެ ފުރަތަމަ މަރުހަލާ އާއި ދެވަނަ މަރުހަލާ ވަނީ ކާމިޔާބުވެފަ އެވެ. މިހާރު ކުރިއަށްދަނީ ކްލިނިކަލް ތަޖުރިބާގެ ތިން ވަނަ މަރުހަލާ އެވެ. މި މަރުހަލާގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން ބްރެޒިލް އަދި ދެކުނު އެފްރިކާ އިން ގާތްގަނޑަކަށް 30،000 މީހުން ބައިވެރިވެ އެވެ.

އަސްޓްރަޒެނެކާ އިން ބުނާ ގޮތުގައި، ވެކްސިންގެ އަޖުމަބެލުން މަޑުޖައްސައިލީ ވެކްސިން ދިން އެކަކު، ގޮތް ނޭނގޭ ގޮތަކަށް ބަލިވުމުން، އާންމު އުސޫލުން މިނިވަން ތަހުގީގެއް ހިންގުމަށެވެ.

މިއީ މި ވެކްސިންގެ ތަހުލީލުތައް މި ގޮތަށް މެދުކަނޑާލި ދެ ވަނަ ފަހަރެވެ. ނަމަވެސް މިފަދަ ކަންކަމަކީ ވެކްސިނެއްގެ އަޖުމަބެލުން ކުރިއަށް ގެންދާ އިރު އާންމު ގޮތެއްގައި ދިމާވާ ކަންކަމެވެ. އެގޮތުން ވެކްސިން ދިން މީހަކު ގޮތް ނޭނގޭ ގޮތަކަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި ނަމަ މިނިވަން ބަޔަކު ލައްވާ އެކަން ބަލައި، އޭގެ ހަގީގަތް ދެނެގަނެ އެވެ.