ލަންކާ ކައިރިން އަލިފާން ރޯވި ތެޔޮ ޓޭންކަރުން ތެޔޮ ލީކުވާން ފަށައިފިއެވެ.

އެމްޓީ ނިއު ޑައިމަންޑުގައި އަލިފާން ރޯވުމާއެކު ލަންކާއާއި އިންޑިއާގެ ހާއްސަ ޓީމުތަކުން ވަނީ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލައިފައެވެ. ނަމަވެސް ހޫނުގަދަވުމުގެ ސަބަބުން އަލުުން އަލިފާން ހިފަމުންދާކަމަށް ލަންކާގެ ނޭވީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ލަންކާގެ ނޭވީ އިން ވަނީ ބޯޓު ކައިރިން ގާތްގަނޑަކަށް ކިލޯ މީޓަރެއްހާ ދުރުން ޑީސަލްގެ އަސަރު ފެނިފައިވާ ކަމަށް ބުނެފައެވެ.

ނޭވީ އިން ލަފާކުރަނީ އެއީ ޓޭންކަރު ރޯވުމާއެކު ނިއްވުމަށް ގިނަ އަދަދެއްގެ ލޮނުފެން ޖެހުމުގެ ސަބަބުން އިންޖީނު ރޫމުގެ ތެރޭގައި ފެންބޮޑުވެ ތެލާއެކު ބޯޓުން ބޭރުވުމުގެ ސަބަބުން ދިމާވެފައިވާ ކަމެއް ކަމަށެވެ.

ނޭވީ އިން ބުނީ މައިޓޭންކުތައް ހުރި ސަރަހައްދުތައް ހުރީ ރައްކާތެރިކޮށް ކަމަށާއި އެތެޔޮ ކަނޑަށް އެޅުމުގެ ފުރުސަތު ނެތްކަމަށް ބުނެފައެވެ.

ލަންކާގެ ތިމާވެއްޓާބެހޭ ހާއްސަ ޓީމުތަކާއި ދިރާސާކުރާ ޓީމުތައް މިހާރުވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފައެވެ.