ކްރިމިނަލް ކޯޓު ހިންގުން އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ އެގޮތަށް ހަމަޖެއްސީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 64 ވަނަ ބައްދަލުވުމުގައި ކަމަށެވެ.
ޖޭއެސްސީން އެ ނިންމުން ނިންމީ ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެން ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ވ)ގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އަލީ ރަޝީދު ހުސެއިންގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމް ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 63 މެންބަރުން ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވުމަށް ވޯޓުދެއްވިއެވެ. އަލީ ރަޝީދަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 55 މެންބަރުންނެވެ. އެ މަގާމަށް އަލީ ރަޝީދު އައްޔަންކުރަން ނުފެންނެ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު