ކޮވިޑް 19އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން މިމަހު ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ރަނގަޅު ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ފޮނުވި ޕޯޓަބަލް 10 ވެންޓިލޭޓަރު ޗެކްކޮށް ބަލާފައިވާ ކަމަށާއި ހުރިހާ އެއްޗެއް ވެސް ރަނގަޅަށް މަސައްކަތް ކުރާ ކަމަށެވެ.
ތަސްލީމާ އެހެން ވިދާޅުވި އިރު، ދުބާއީ ކުންފުނިން ފުރަތަމަ ރާއްޖެ ފޮނުވި 10 ވެންޓިލޭޓަރުގައި ހުންނަން ޖެހޭނެ ކަމަށް އެއްބަސްވި ފީޗާސްތައް ނެތުމުން އެތަކެތި ހެލްތު މިނިސްޓްރީން ބަލައިގެންފައެއް ނުވެއެވެ.
ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލު ކުރީ 34 މިލިއަން ރުފިޔާއަށެވެ. އެ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފައެވެ. އަދި މިމަހު ލިބުނު ވެންޓިލޭޓަރުތަކާއެކު އެއްބަސްވުމުގެ ދަށުން ދުބާއީ ކުންފުނިން 65 ވެންޓިލޭޓަރު އަދި ރާއްޖެއަށް ފޮނުވަން ޖެހޭނެއެވެ.
ތަސްލީމާ ވިދާޅުވީ، ބާކީ ހުރި ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމަށްޓަކައި ދުބާއީގެ ކުންފުންޏާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދެވަނަ ޝިޕްމަންޓެއް ލިބޭނެ ދުވަހެއް އަދި ނޭނގެއެވެ.
ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ތުހުމަތު ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.
އެ ތަހުގީގު ނިމެންދެން ހެލްތު މިނިސްޓަރު އަބުދުﷲ އަމީން މިއަދު ވަނީ އަމިއްލަފުޅަށް ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގަންނަވައިފައެވެ. އަދި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން ވަނީ ސަސްޕެންޑުކޮށްފައެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ބަލަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެ ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ދުބާއީ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެ ވެންޓިލޭޓަރުތަަކަކީ ނުލިބޭނެ ތަކެތި ކަމަށް ގަބޫލު ނުރައްވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވީ، ދުބާއީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ މިހާރު ވެސް ހިނގަމުންދާ ކޮންޓުރެކްޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެތަކެތި ހޯދުމަށް ހެލްތު މިނިސްޓްރީން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެތަކެތި ނުލިބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު