އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަން ހިންގުމައި އެންމެ އިސްކޮށް ހުންނެވި، ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގަތް ފްލެޓްތަކެއްގެ މައްސަލަ އަލުން ހުޅުވައި، އެ މައްސަލަ ބަަލަމުން އަންނަ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ބުނެފިއެވެ.

އޭސީސީގެ މީޑީއާ ކޯޑިނޭޓަރު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އަދުރޭގެ ފްލެޓްގެ މައްސަލަ ރީ އޯޕަންކޮށް އޭސީސީން އަލުން ބަލަން ފަށާފައިވާ ކަމަށެވެ.

"ރެހެންދި-6" ފްލެޓްތަކުން އަގު ބޮޑު ދެ ފްލެޓެއް އަދުރޭ ގަތް މައްސަލަ މީގެ ކުރިންވެސް އޭސީސީން ވަނީ ބަލައިފައެވެ. ނަމަވެސް އަށެއް ފެބްރުއަރީ 2018 ގައި އެ ކޮމިޝަނަށް ހުށަހެޅި އެ މައްސަލަ ބަލައި އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް ބުނެ، ނުވައެއް ޖުލައި 2018 ގައި މައްސަލަ ވަނީ ފައިލް ކޮށްފައެވެ.

އެ މައްސަލަ އޭސީސީން އަލުން ހުޅުވާފައިވަނީ، އެއިރު އޭސީސީން ނިންމި ނިންމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، "ރެހެންދި-6" އިން އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފްލެޓް ބައްލަވައިގަނެފައި ވަނީ ފްލެޓެއް 4.5 މިލިއަން ރުފިޔާގެ އަގަކަށެވެ.