ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކޮށްފައިވާ "އެއާ ޓްރެވެލް ބަބުލް" އާއެކު، ވައިގެ ދަތުރުތައް އިތުރު ކުރަން ދެ ގައުމުން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ ދިއްލީ މިދިޔަ މަހުގެ 25 ގައި އެއާ އިންޑިއާ އިން ބޭއްވި މާލެ-ޓްރިވެންޑްރަމް ދަތުރާއެކު، ދެ ގައުމުގެ ދެމެދުގައި އެއާ ޓްރެވެލް ބަބުލް ގާއިމުކޮށްފައިވާ ކަމަށެވެ.
މިއީ ކޮވިޑަށްފަހު ދެކުނު އޭޝިއާގައި އިންޑިއާއިން ގާއިމުކުރި މިފަދަ ފުރަތަމަ އެއާ ޓްރެވަލް ބަބަލްއެވެ.
މި އެއްބަސްވުމުގެ ދަށުން މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އިންޑިގޯ އެއާލައިންސް އިން އަންނަނީ ކޮޗިން އާއި މާލެއާ ދެމެދު ހަފުތާއަކު ދެ ދަތުރު ކުރަމުންނެވެ.
"ސެޕްޓެމްބަރު 10 ވަނަ ދުވަހުން ފެށިގެން މާލެ އާއި ޓްރިވެންޑްރަމް ދެމެދުގެ އިތުރު ދެ ފްލައިޓެއް އޮޕަރޭޓްކުރަން ފެށުމަށް މޯލްޑިވިއަން އެއާލައިންސް އިން ވަނީ ތާވަލުކޮށްފައި. މިއާއެކު އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ހަފުތާއަކު ފަސް ދަތުރު ކުރެވޭނެ،" ހައި ކޮމިޝަނުން ބުންޏެވެ.
އެއާ ޓްރެވަލް ބަބަލް ގާއިމުކުރުމަށް ހަމަޖެހިފައިވާކަން އިއުލާނުކޮށްފައިވަނީ އޮގަސްޓް 13 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރް އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމެއްގައެވެ.
ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ދެގައުމުގެ މެދުގައި އެއާ ޓްރެވަލް ބަބަލްއެއް ގާއިމުކުރެވުމުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް އިންޑިއާގެ ހައި ކޮމިޝަނުން ބުންޏެވެ.
މިދިޔަ ޖުލައި މަހު 15 ގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައިވާ އިރު، ބައެއް ގައުމުތަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށައިފައެވެ. އިންޑިއާއަކީ ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް 167،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު