އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައަށް 30 ސޮއި ހަމަކުރެވިއްޖެ ކަމަށާއި އެދެނީ 35 ސޮއި ހަމަކުރުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމްޑީޕީ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތްތައް ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި، އިއްޔެ ޗުއްޓީއަށް ދިޔައިރު ވެސް މައްސަލަ ހުށަހަޅައިފައެއް ނުވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު މިއަދު ހަވީރު ވިދާޅުވީ ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި މިހާރު ސޮއިކޮށްފައިވަނީ 30 މެންބަރުން ކަމަށާއި 35 މެންބަރުންގެ ސޮއި ހަމަވުމުން ރައީސްއަށާއި އެމްޑީޕީ ގައުމީ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަންކަން ނިންމަން ރަނގަޅުވާނީ ޕާޓީ ތެރެއިން. ފަޔާ ވެސް ޕާޓީއަށްޓަކައި ދުވަސްކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ. އަޅުގަނޑުވެސް އަދި އަޅުގަނޑުމެން އެންމެންވެސް މިދަނީ ފަހަތަށް ޖެހެން ވާއިރު އެކަން ކުރަމުން." ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު ވަޓްސްއެޕް ގްރޫޕްގައި ލިޔުއްވި މި މެސެޖާ ގުޅިގެން މެންބަރުން ގުރޫޕުގައި މާބޮޑު ވާހަކައެއް ދައްކަވައިފައެއް ނުވެއެވެ.

ފައްޔާޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެއްދުމަށް ރައީސް ނަޝީދު މަސައްކަތް ފެއްޓެވުމާއެކު އެމްޑީޕީ ތެރޭގައި ވަނީ ބައިބައިވުން އުފެދިފައެވެ. އެގޮތުން ފައްޔާޒުގެ ދިފާއުގައި އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ވަނީ ނުކުންނަވައިފައެވެ.

މީގެ އިތުރުން ރައީސް ސޯލިހުވެސް ވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި އޭނާ ދިފާއު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ފައްޔާޒު މަގާމުން ވަކިކުރަން އުޅޭ ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައިި މީގެ ކުރިން މަޖިލިސް ރައީސް ނަޝީދު ވަނީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރަކަށްވެ، "ބުރޯ" ހެދިގެން ނޫޅުމަށާއި ނިޒާމުގެ ތެރޭގައި އުޅުއްވުމަށް ވިދާޅުވެ ފައްޔާޒަށް އިންޒާރު ދެއްވައިފައެވެ.

އެކަމާ ގުޅޭގޮތުން ވަޓްސްއެޕް ގްރޫޕުގައި ފައްޔާޒް ވިދާޅުވީ ނަޝީދަށް ވަރަށް އިހުތިރާމުކުރާ ކަމަށާއި ނަމަވެސް ނަޝީދު ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެހެން ވިދާޅުވުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައި އޮތް ގޮތަކަށް ނިމިދާނެ ކަމަށާއި ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މިފަދަ ހުށަހެޅުމަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރީން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެނޭ ކަމަށް ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައި ބުނެއެވެ.