ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ތަންފީޒުކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު މަޝްވަރާކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަމް "ވަން" އަށް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި، ގާނޫނު ތަންފީޒުކުރަން ޑީއާރުޕީއަަށް ދިމާވެފައިވާ މައްސަލަތައް ހައްލކުރުމަށް، ހުށަހެޅުންތަކެއްވެސް އެ ޕާޓީން އީސީއަށް ހުށަަހަޅާފައިވާ ކަމަށެވެ.

އެގޮތުން ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ޑީއާރުޕީގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނާޅާ މައްސަލަ އާއި، ކޮންގްރެސް ބާއްވާފައި ނުވާ މައްސަލައިގައި އިތުރު ފުރުސަތު ދިނުމަށް ޑީއާރުޕީން ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް އަކުރަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީން ހުށަހަޅާފައިވާ އެ ހުށަހެޅުންތަކާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމާނީ މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރާއި، އީސީގެ ރައީސް އަހުމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގާނޫނު ތަންފީޒުކުރަން ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން އީސީއާއެކު ޑިއާރުޕީން މަޝްވަރާކޮށްފައިވާ އިރު، އެޕާޓީގެ ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާތީ، އެ ފައިސާ ހޯދުމަށް އީސީން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.