ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އިރުމަތީ ފަރާތުގައި ހެދި ކިންގް ސަލްމާން މިސްކިތް ހުޅުވޭނެ ތާރީހެއް ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
ސައޫދީ ރަސްގެފާނުގެ އެހީގައި މާލޭގައި ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް އިމާރާތް ކުރަން ހަމަޖައްސައި، އެކަމާ ގުޅޭ މަސައްކަތްތައް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ މިސްކިތް ހަދަން ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކުރީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ)ގެ ބަޖެޓަކާއެކު އެވެ.
އިސްލާމިކް ސެންޓަރެއްގެ ކޮންސެޕްޓަށް ހަ ބުރިއަށް ހަދާފައިވާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު، މިއަހަރުގެ ރޯދަ މަހުގެ ކުރިން އެ މިސްކިތް ހުޅުވަން ދިޔައީ ތައްޔާރުވަމުންނެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ މިސްކިތުގެ މަސައްކަތް މަޑުޖައްސާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ އޭޕްރިލް މަހު ވަނީ ބުނެފަ އެވެ.
ކޮވިޑާ ގުޅިގެން މާލޭގެ ހުރިހާ މިސްކިތްތަކެއްގައި ނަމާދު ކުރުން ވެސް މަނާކުރި އެވެ. ނަމަވެސް ޖަމާއަތް ނުހަދައި، ޖޫން މަހުގެ 14 އިން ފެށިގެން ނަމާދު ކުރެވޭ ގޮތަށް މިސްކިތްތައް ހުޅުވާލި އިރު، މިދިޔަ ޖުލައި މަހުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަވެސް ވަނީ ދީފަ އެވެ.
ކިންގް ސަލްމާން މިސްކިތުގައި އަދިވެސް ނަމާދު ކުރަން ނުފަށާތީ އެކަމާ ގުޅޭގޮތުން "ވަން" އިން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ، މިސްކިތް އިމާރާތްކުރާ ކޮންޓްރެކްޓަރު ކުރަން ޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. ނަމަވެސް އެތަން ހުޅުވޭނެ ތާރީހެއް ސީދާ ބުނަން އެނގިވަޑައިނުގަންނަވާ ދެ ސަބަބެއް އެބަ އޮތް ކަމަށް ވިދާޅުވި އެވެ.
ފުރަތަމަ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، އެ މިސްކިތަކީ ސައުދީގެ އެހީގައި އިމާރާތްކުރި މިސްކިތަކަށް ވެފައި އެބޭފުޅުންގެ ވެސް ބައިވެރިވުމާއެކު އެތަން ހުޅުވަން ބޭނުން ވުމެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އެކަމަށް އަދިވެސް ދަތިތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ދެވަނަ ސަބަބެއް ކަމަށް ވިދާޅުވީ، މިސްކިތުގެ އޮޑިޓޯރިއަމާއި ބައެއް އެހެން ހިދުމަތްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދައި ތަން އެއްކޮށް ނިންމުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ހުރުމެވެ. ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އެ ފަރުނީޗަރުތަކަކީ އެއްބަސްވުމުގައި ނެތް ތަކެތި ކަމަށާއި އެހެންކަމުން ރާއްޖެއިން ބޭރުން އެތަކެތި ގެންނަން ޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެތަކެއްޗަށް ބޭނުންވާ ޕްރޮޕޯސަލްތަކާއި އެއްޗެހި ހޯދާފައިވީ ނަމަވެސް ކޮވިޑާ ގުޅިގެން އިގްތިސާދަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މިދަނޑިވަޅުގައި އެފަދަ ބޮޑު ހަރަދެއް ކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ނުނިމި ލަސްވާތީ، އެ މިސްކިތުގެ މަސައްކަތްދާ ގޮތް ބެލުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވެސް ވަނީ އެދިފަ އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު