ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބައެއް ނަރުހުންނާއި އެޓެންޑެންޓުންނަށް ފްރަންޓްލައިން އެލަވަންސް ލިބުން ލަސްވާތީ އިހުތިޖާޖުކޮށްފިއެވެ.

މިއަދު ހަވީރު ހުޅުމާލޭ ހޮސްޕިޓަލުގެ ގޯތި ތެރޭގައި މި އިހުތިޖާޖުކުރި އިރު، އިހުތިޖާޖުގައި ނަރުހުންނާއި އެޓެންޑެންޓުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 40 މުވައްޒަފަކު ވަނީ ބައިވެރިވެފައިވެއެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ހަމަހަމަކަމާއެކު ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ. އަދި އެ ފަރާތްތަކަށް އެލަވަންސް ލިބުން ލަސްވަނީ ކޮން އުސޫލަކުންތޯ ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ސުވާލު އުފައްދައިފައެވެ. ބައެއް ބައިވެރިން ވަނީ ފްރަންޓްލައިން އެލަވަންސްގެ އިތުރުން ރިސްކް އެލަވަންސް ވެސް ނުލިބޭ ކަމަށް ބުނެފައެވެ.

ކޮވިޑް 19އާ ދެކޮޅަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާފައިވަނީ މެއި ހަތްވަނަ ދުވަހުއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ބުނީ، ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި މިހާތަނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި އުސޫލުގެ ތެރެއިން އެލަވަންސް ނުދެވި ތިބީ ސިފައިންގެ ބައެއް މީހުންގެ އިތުރުން ބައެއް ފުލުހުންނަށް ކަމަށް ފިނޭންސުން ބުނެފައިވެއެވެ.

ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެންމެ ހައިރިސްކް މީހުންނަށް ދުވާލަކަށް، 500 ރުފިޔާ އަދި ދެވަނަ ގިންތީގެ މީހުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެންމެ ލޯ ރިސްކް މީހުންނަށް ދުވާލަކަށް 200 ރުފިޔާ ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.