ފަނަރަ މިނެޓު ތެރޭގައި ކޮވިޑުގެ ނަތީޖާ ލިބޭ ގޮތަށް އެމެރިކާގެ އެބޮޓް ކުންފުނިން ތައްޔާރުކުރި "ބައިނެކްސްނައު ކޮވިޑް 19 އޭޖީ ކާޑު" ރާއްޖެއަށް ގެނައުމަށް މެޑްޓެކުން ތައްޔާރުވެއްޖެއެވެ.

މެޑްޓެކަކީ އެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ.

ކްރެޑިޓް ކާޑެއްގެ ސައިޒާ ދާދި އެއް ސައިޒަކަށް ހުންނަ އޭޖީ ކާޑު ބޭނުންކޮށްގެން 15 މިނެޓު ތެރޭގައި ކޮވިޑް ޖެހިފައިވާކަން ނުވަތަ ނޫންކަން އެނގިގެންދާނެއެވެ. އެބޮޓްއިން ބުނީ މި ޓެސްޓުގެ ސެންސިޓިވިޓީއަކީ 97.1 ޕަސެންޓް ކަމަށެވެ. އަދި ސްޕެސިފިޓީއަކީ 98.5 ޕަސެންޓެވެ.

"ބައިނެކްސްނައު ކޮވިޑް 19 އޭޖީ ކާޑު" އެމެރިކާއާއި ޔޫރަޕުން މިހާރު ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

އެބޮޓް ކުންފުނިން ވަނީ އޮކްޓޯބަރު މަހުން ފެށިގެން ކޮންމެ މަހަކަށް މީގެ 50 މިލިއަން ޓެސްޓް ހެދުމަށް އަމާޒުކޮށްފައެވެ.

ބައިނެކްސްނައު ކޮވިޑް 19 އޭޖީ ކާޑުގެ އިތުރުން އެކުންފުނިން ވަނީ މި ޓެސްޓަށް ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފައެވެ. މި އެޕްލިކޭޝަނުން އެންމެ ފަހުން ޓެސްޓު ހެދި ތާރީހާއި ޓެސްޓުގެ ނަތީޖާ ވެސް ދައްކައިދެއެވެ.