ފްލައިމީން އިންޓަނޭޝަނަލް ދަތުރުތައް ފަށައިފިއެވެ.

ވިލާ އެއާއިން ބުނީ ފްލައިމީއަށް އެއާ އޮޕަރޭޝަން ސެޓްފިކެޓް (އޭއޯސީ) ލިބުމާއެކު އިންޓަނޭޝަނަލް ދަތުރުތައް ފަށާފައިވާ ކަމަށާއި ފުރަތަމަ މަންޒިލަކީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ ކަމަށެވެ.

ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު "ވަން" އަށް ވިދާޅުވީ ފްލައިމީއަށް އެއާ އޮޕަރޭޝަން ސެޓްފިކެޓް ލިބުނީ އިއްޔެ ކަމަށެވެ. ނަމަވެސް ފުރަތަމަ ފްލައިޓު ބާއްވައިފައިވަނީ މިއަދު ކަމަށާއި ފުރަތަމަ ބޭއްވީ ޗާޓަރު ފްލައިޓެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޝިދު ވިދާޅުވީ، ލަންކާގެ ބޯޑަރުތައް ހުޅުވާލިހާ އަވަހަށް ކޮލަމްބޯއަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށާއި އޭރުން އެކަށީގެންވާ އަގެއްގައި ދިވެހިންނަށް ޓިކެޓު ލިބޭނެ ކަމަށެވެ. އަދި މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިންޑިއާއަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލައިމީ އިންޓަނޭޝަނަލް ދަތުރުތައް ފެށިއިރު، ވިލާ ކުންފުނީގެ މާމިގިލިއްޔަށް އިންޓަނޭޝަނަލް ފްލައިޓް ޖެއްސުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

އޭޓީއާރު މަރުކާގެ ހިތްގައިމު ފްލައިޓުތަކެއް ބޭނުންކޮށްގެން ހިދުމަތްދޭ ވިލާ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާގެ ދެ މަންޒިލަކުން އަދި އިންޑިއާގެ ހަތަރު މަންޒިލަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމެވެ.

ވިލާ ކުންފުނިން އެތެރޭގެ އުދުހުންތައް ފަށާފައިވަނީ 2011 ވަނަ އަހަރުއެވެ. އަދި މިހާރު އެ ކުންފުންޏަކީ ބޭރުން ފްލައިޓުތައް ގެނެސް މަރާމާތު ކުރުމުގެ ގާބިލުކަން ހުރި ކުންފުންޏެވެ. ވިލާއިން ވަނީ ގިނަ އަދަދެއްގެ ޕައިލެޓުންވެސް ތަމްރީންކޮށް، މަސައްކަތަށް ނެރެދީފައެވެ.