ގިނަ އަދަދެއްގެ ސާފު ނުކުރާ ތެޔޮ ހިފައިގެން ކުވައިތުން އިންޑިއާއަށް ދަތުރުކުރަނިކޮށް ސްރީ ލަންކާގެ އިރުމަތީ ފަރާތު ބޭރުން ރޯވި ތެޔޮ ޓޭންކަރުން ކަނޑަށް ތެޔޮ ލީކުވުމުގެ ފުރުސަތު ކުޑަ ކަމަށާއި މި ހާދިސާއާ ގުޅިގެން ރާއްޖެއަށް އަދި ނުރައްކަލެއް ނެތް ކަމަށް ކޯސްޓްގާޑުން ބުނެފިއެވެ.

"ދަ ނިއު ޑައިމަންޑް" ނަމަކަށް ކިޔާ އެ ޓޭންކަރުގައި ރޯވީ، 270،000 މެޓްރިކް ޓަނުގެ ސާފު ނުކުރާ ތެޔޮ ހިފައިގެން ދަނިކޮށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯސްޓްގާޑުގެ ކޮމާންޑަންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވީ، ތެޔޮ ޓޭންކަރުން ކަނޑަށް ތެޔޮ ލީކުވިކަމުގެ މައުލޫމާތެއް ލަންކާގެ ކަމާބެހޭ ފަރާތްތަކުން އަދި މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށާއި ތެޔޮ ލީކުވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެ ފަރާތުން މައުލޫމާތުދޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، މިހާރު ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއަށް އެކަމުގެ ނުރައްކަލެއް އޮތް ކަމަށް ނުބެލޭ ކަމަށެވެ.

"މިހާރު ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު އަދި ރާއްޖެއަށް މިކަމުގެ ނުރައްކަލެއް އޮތް ކަމަކަށް ފާހަގައެއް ނުކުރެވޭ. މިހާރު ހެދިފައި ހުރި ލަފާކުރުންތަކަށް ބަލާއިރު މިހާރުން މިހާރަށް ރާއްޖެއާ ދިމާލަށް މީގެން އެއްވެސް ކަހަލަ ގެއްލުމެއް އަންނާނެ ކަމަކަށް ފާހަގައެއް ނުކުރެވޭ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، މިވަގުތަށް ލިބިފައިވާ މައުލޫމާތުތަކަށް ބަަލާއިރު، ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ފާހަގަވި ނަމަވެސް ހާލަތު ބަދަލުވެއްޖެނަމަ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބި ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަހައްދުގައި އެފަދަ ހާދިސާއެއް ހިނގައިފިނަމަ އެކަމަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިންވެސް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެ އާއި އިންޑިއާ އަދި ލަންކާ ހިމެނޭ ގޮތަށް "ދޯސްތީ" ގެ ނަމުގައި ތަމްރީނުތަކެއް ބާއްވާފައިވާ ކަމަށް ބުންޏެވެ. އަދި ޖަޕާނު ސަރުކާރުގެ އެހީގައި ޕޮލިއުޝަން ރެސްޕޮންސް ޓިޔާ ލެވެލް 1 އަށް ރެސްޕޮންޑު ކުރުމަށްޓަކައި ބޭނުންވާނެ ބައެއް ސާމާނު ލިބިފައިވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ދަ ނިއު ޑައިމަންޑްގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި އިންޑިއާގެ ހަތަރު މަނަވަރާއި ޑޯނިއާ މަތިންދާބޯޓެއްގެ އިތުރުން ރަޝިއާގެ ދެ މަނަވަރެއް ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ހާދިސާގައި މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ.