ލ. ފޮނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ފޮނަދޫ ކައުންސިލުން ބުނީ އެރަށު ހޯމް ކަރަންޓީނުގައި ހުރި ބަނގުލަދޭޝްގެ ރައްޔިތަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. އެމީހާގެ ސާމްޕަލް ނަގާފައިވަނީ އިއްޔެއެވެ.

ފޮނަދޫ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ފޮނަދޫ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވަނީ ވިދާޅުވެފައެވެ. ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސިއްހީ އެހީތެރިން އަޅަމުން އަންނަ ކަމަށާއި އެބޭފުޅުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ ވަރަށް ގިނަވެފައެވެ. އެގޮތުން އިއްޔެވެސް ވަނީ 137 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ވަނީ ރަށަށް ކޮންމެހެން ދާންޖެހޭ މީހުން ފިޔަވައި އިތުރު މީހުން ނުފޮނުވުމަށް ނިންމައިފައެވެ.