Close
ޚަބަރު

ބައެއް ކައުންސިލަރުންގެ ސުލޫކު ހުންނަގޮތުން މުޅި ރަށުގެ މަސްލަހަތު ގެއްލިގެންދޭ: އިމްރާން

އިބްރާހިމް ޒަކީ

ބައެއް ކައުންސިލަރުންގެ ސުލޫކު ހުންނަގޮތުން އެފަދަ ކައުންސިލަރުން ހިމެނޭ، މުޅި ރަށުގެ މަސްލަހަތު ގެއްލިގެން ދިއުމަކީ ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަަބުދުﷲ ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް، ކަންތައްތައް ކުރިއަށްގެންދާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއެކު އެލްޖީއޭއިން މިއަދު ބޭއްވި ބައްދަލުވުމުގައި، ކައުންސިލްތަކުން ފާހަގަކުރެވޭ މައްސަލަތައް ކޮމިޓީއަށް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މައްސަލައިގައި ދިމާވާ ކަންތައްތަކުގެ ސަބަބުން ބޮޑެތި ކަންތައްތަކެއް ކުރިމަތިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކައުންސިލަރުންގެ ސުލޫކާ ބެހޭ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ އެބޭފުޅުން ކައުންސިލަށް ހާޒިރުނުވުން ކަމަށެވެ.

އެ ހާލަތުގައި މުޅި ކައުންސިލްގެ އެތެރޭގެ މަސްލަހަތު މުޅިން ގެއްލި، ރަށުގެ ރައްޔިތުންގެ މަސްލަހަތުވެސް ގެއްލިގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފަދަ ހާލަތެއްގައި ވިސްނުމަކަށް ވަނީ އެބޭފުޅުންނަށް ފިޔަވަޅު ކަމަށާއި ނަމަވެސް އެލްޖީއޭގެ ބޭނުމަކީ ކޮމިޓީއާ މަޝްވަރާކޮށް، ކައުންސިލަރުންނާ މެދު ވީހާވެސް ބޮޑަށް ފިޔަވަޅު ނާޅައި ކަންތައްތަކެއް ކުރިއަށްގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ. ނަަމަވެސް ބައެއް ކަންކަމަކީ ފިޔަވަޅު އަޅަންޖެހޭ ކަންތައްތައް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން ބައެއް ދާއިރާތަކުގެ އިހުތިސާސް ކަނޑައެޅުމާ ގުޅުންހުރި ކަންކަން ވެސް އެލްޖީއޭ އިން މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިއެވެ. ނަމަވެސް ކައުންސިލަރުންގެ ސުލޫކާބެހޭ މައްސަލައަށް މަޝްވަރާ ކުރުމާ ހިސާބަށް އައުމުން އެލްޖީއޭގެ އެދުމަކަށް އެ ހިސާބުން ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރު ބައްދަލުވުމަކަށް ބަދަލުކޮށްފައެވެ.